ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން އިތުރުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެކަން އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި، ކުށްވެރިކޮށްފިއެވެ.
ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް ދައުލަތުގެ މުދަލާއި ވަސީލަތްތަކަށް ނުފޫޒު ފޯރުވައި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީން މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ކުރީގެ ޕީޕީއެމް ސަރުކާރެކޭ އެއްފަދައިން މިހާރުގެ ޕީއެންސީ ސަރުކާރުންވެސް ވަޒީފާގެ ނުފޫޒު ބޭނުންކޮށްގެން ޕާޓީއަށް މެމްބަރުން އިތުރުކުރަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެގޮތުން ސަރުކާރުގެ އިމާރާތްތަކުގައި ރަސްމީ ގަޑީގައި މުވައްޒަފުން ލައްވާ މެމްބަރޝިޕް ފޯމު ފުރުވަމުންދާކަމަށާއި، މިކަމުގެ ސަބަބުން މުވައްޒަފުންގެ މަސައްކަތަށް ދަތިވަމުންދާކަމަށްވެސް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.
އަދި އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީއަށް މެމްބަރުން ވެއްދުމާއި، ސޮއި ފޯޖުކޮށްގެން ޕީއެންސީގެ ދަފްތަރުގައި މީހުން ރަޖިސްޓްރީ ކުރަމުންދާ މައްސަލަތައް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީން ގޮވާލާފައިވެއެވެ.
ވެރިކަން ކުރާ ޕީއެންސީއަށް 70 ހާސް މެމްބަރުން ހަމަކުރުމުގެ ޚާއްސަ ކެމްޕޭނެއް އެޕާޓީން ގެންދަނީ ކުރިޔަށް ގެންދަމުންނެވެ. އެގޮތުން އެޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި، ސިޔާސީ މަގާމްތަކުގަ ތިބި ފަރާތްތަކުން އަދި ވަޒީރުންވެސް ގެންދަނީ ޕާޓީއަށް ފޯމް ފުރުވުމުގެ މަސައްކަތް ވާދަވެރިކަމާއެކު ކުރަމުންނެވެ.
އެހެންނަމަވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި، ޕީއެންސީން ދަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ ލިސްޓުތައްވެސް އެޕާޓީއަށް ފޯމު ފުރުވުމުގައި ބޭނުންކުރަމުންންވެ. އެހެންނަމަވެސް އެ ތުހުމަތުތައް އެޕާޓީން ދޮގު ކުރެއެވެ.
ކޮމެންޓު ފޮނުވާ