ކ. ގުރައިދޫގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 39 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މިދިޔަ ބުރާސްފަތި ދުވަހު ފެށި މަސައްކަތުގެ ބައެކެވެ.
ހެނދުނު 10:30 އިން ހަވީރު 5:30 އަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީން ވަނީ ޗެކުކޮށްފައެވެ. މީގެ އިތުރުން، ވިސާ ފުރިހަމަނުވާ 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، ބިދޭސީންނަށް ވަޒީފާ ދީފައިވާ ފަސް ދިވެއްސަކަށް ލިޔުމުން ނަސޭހަތްތެރިވެފައިވެއެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު 39 ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ އަދި ނައިޖީރިއާގެ މީހުން ހިމެނެއެވެ. މި އޮޕަރޭޝަން ފެށުމުގެ މައިގަނޑު ސަބަބަކީ މާލެ ސަރަހައްދުގައި މިފަދަ އޮޕަރޭޝަންތައް ފެށުމާ ގުޅިގެން، ގަވާއިދާ ޚިލާފު ބިދޭސީން އަތޮޅުތަކަށް ދިއުމާއި، އެކި ރަށްރަށުގައި މިފަދަ މީހުން ގިނަވެފައިވާކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބެމުންދިއުމެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްއާން ވަޙީދު އަދި ޑެޕިއުޓީ ކޮންޓްރޯލާ އަޙްމަދު އަޝްފާން ވަނީ މި އޮޕަރޭޝަންގައި އަމަލީގޮތުން ބައިވެރިވެލައްވާފައެވެ. އަދި މީގެ އިތުރުން އިމިގްރޭޝަންގެ 20 އޮފިސަރުންނާއި، ފުލުހުންގެ 9 އޮފިސަރުންނާއި، ކ. ގުރައިދޫ ކައުންސިލުން ވެސް ވަނީ މި މަސައްކަތުގައި ބައިވެރިވެފައެވެ.
އިމިގްރޭޝަނުން ބުނާގޮތުގައި މި އޮޕަރޭޝަންގެ މަޤްޞަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުންދާ ބިދޭސީންނާއި، ގަވާއިދާ ޚިލާފަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަނެ، އިމިގްރޭޝަން ޤާނޫނުގެ ދަށުން އެފަރާތްތަކާމެދު ފިޔަވަޅު އެޅުމެވެ.