ތިން ވަޒީރުންނަށްވެސް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ތިން ވަޒީރުންނަށްވެސް ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

Author
ހުސައިން
24 އޮކްޓޯބަރ 2024 03:17
0

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ތިން އައު ވަޒީރުންނަށް ރުހުން ދެއްވާފައެވެ.

މިގޮތުން ރުހުން ދެވުނު ބޭފުޅުންގެ ތެރޭގައި ޚާރިޖީ ވަޒީރުކަމަށް ހަމަޖެއްސެވި ޑރ. ޢަބްދުﷲ ޚަލީލް، މާލީ ވަޒީރުކަމަށް ހަމަޖެއްސެވި މޫސާ ޒަމީރު އަދި ސިއްޙަތާ ބެހޭ ވަޒީރުކަމަށް ހަމަޖެއްސެވި ޢަބްދުﷲ ނާޡިމް އިބްރާހީމް ހިމެނެއެވެ.

މި މަހުގެ 14 ވަނަ ދުވަހު މި މައްސަލަ ކޮމިޓީއަށް ފޮނުވުނު އިރު، މި ވަޒީރުންގެ ބަދަލު ގެނެވުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ކެބިނެޓަށް ގެންނެވި ބަދަލުތަކާ ގުޅިގެންނެވެ. މި ބަދަލުތަކުގެ ތެރޭގައި ކުރީގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މާލީ ވަޒީރުކަމަށް ބަދަލުކުރެއްވުމާއި، ކުރީގެ ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ޚާރިޖީ ވަޒީރުކަމަށް ބަދަލުކުރެއްވުން ހިމެނެއެވެ. އަދި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަޤާމުގައި ހުންނެވި ޢަބްދުﷲ ނާޡިމް އިބްރާހީމް ސިއްޙަތާ ބެހޭ ވަޒީރުކަމަށް އައްޔަންކުރެއްވިއެވެ.

ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި މި ތިން ވަޒީރުންނަކީވެސް މީގެކުރިން ވަޒީރުކަން ކުރައްވާފައިވާ ގާބިލު ބޭފުޅުންނެވެ. އެހެންކަމުން ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި 7 މެންބަރުންގެ އިއްތިފާގުން ވަނީ މި ބޭފުޅުންނަށް ރުހުން ދެއްވާފައެވެ. ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނަވާ ކޮންމެ ބަދަލަކަށް ނުވަތަ އައްޔަންކުރައްވާ ކޮންމެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަކީ ލާޒިމު ކަމެކެވެ. މި ރުހުން ދެވެނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނަންތައް ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީން ނިންމަވާ ގޮތް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައި، މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.