ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަށް ސީއީއޯއެއް ހޯދަން އިއުލާން ކޮށްފި

ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަށް ސީއީއޯއެއް ހޯދަން އިއުލާން ކޮށްފި

Author
ހުސައިން
24 އޮކްޓޯބަރ 2024 10:46
0

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) އަށް ޗީފް އެގްޒެކެޓިވް އޮފިސަރެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އިޢުލާނު ކޮށްފައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ މި އިދާރާއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް މި މަޤާމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި ސަރުކާރުން ނުވަ މަސް ކުރިން އުފެއްދި އެމްއައިއެފްއެސްއޭގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވީ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ. މި އިދާރާގެ އިސްވެރިންގެ ގޮތުގައި ތިއްބެވީ އެކިއެކި މާލީ އިދާރާތަކުން އައްޔަންކޮށްފައިވާ ބޭފުޅުންނާއި، ޤާނޫނީ ދާއިރާ ތަމްސީލުކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފެވެ.

އެމްއައިއެފްއެސްއޭ އުފައްދާފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އޯފްޝޯ އަދި އޮންޝޯ ފައިނޭންސިންގ ޚިދުމަތްތަކާ ގުޅޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށާއި، ރާއްޖޭގައި އޯފްޝޯ އަދި އޮންޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ޤާއިމުކުރުމާ ގުޅޭ މަސައްކަތްތައް ކުރުމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް، ވާދަވެރި ނިޒާމެއް ޤާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލު ހޯދުމަށް ބޭނުންވާ ދިރާސާތައް ކުރުމަކީވެސް މި އިދާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.