ބައެއް މުސާރަތަކަށް ގެންނަން ނިންމި ސަރުކާރުން މިއަދު ނިންމި ބަދަލަކީ ޚުދުމުޚްތާރު ވެރިކަމަކަށް މިސްރާބުޖެހި ކަމުގެ ރަނގަބީލެއް ކަމުގައި އެމްޑީޕީގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި އަދި ބައެއް ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރެއްވުމަށް ނިންމަވާފައެވެ.
ރައީސް މުއިއްޒުގެ މި ނިންމެވުމާއި ގުޅޭގޮތުން ޝާހިދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ ބޭކާރު އިސްރާފު ޚަރަދުތައް ކުޑަ ނުކޮށް، ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށް، ހަމަ އެ ރައްޔިތު މީހާގެ މުސާރައިން ބައެއް ނެގުމަށް ނިންމިކަމީ، ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ޚުދުމުޚްތާރު ވެރިކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލެއް ކަމުގައެވެ.
ސަރުކާރުގެ ބޭކާރު އިސްރާފު ޚަރަދުތައް ކުޑަ ނުކޮށް، ރައްޔިތުން އަތުން ޓެކްސް ބޮޑުކޮށް، ހަމަ އެ ރައްޔިތު މީހާގެ މުސާރައިން ބައެއް ނެގުމަށް ނިންމިކަމީ، ރައްޔިތުން ދޫކޮށް އަމިއްލަ ޖާހަތަށް ޚުދުމުޚްތާރު ވެރިކަމަކަށް ސަރުކާރު މިސްރާބުޖެހި ކަމުގެ ރަނގަބީލު.
— Abdulla Shahid (@abdulla_shahid) October 23, 2024
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. އެގޮތުން މުސާރައާ ގުޅޭ ފިޔަވަޅުތައް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލުތަކުގެ ދަށުން، ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ޝަރުއީ ދާއިރާގެ އިސްވެރިންނާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރެވޭނެއެވެ. އަދި ކުންފުނިތަކުގެ ވެރިންނަށް އެންމެ މަތިން ދެވޭނީ 90,000 ރުފިޔާއެވެ. މިހާރު ބައެއް ކުންފުނިތަކުގެ ވެރިންނަށް 100,000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބެމުންދެއެވެ.
މި ބަދަލުތައް ގެންނަވާއިރު، މުސާރައިގެ ގޮތުގައި 12,000 ރުފިޔާއަށްވުރެ ދަށުން ލިބޭ މުވައްޒަފުންނަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ރައީސް މުއިއްޒު އަމިއްލަފުޅަށް ވެސް ވަނީ އެ މަނިކުފާނުގެ މުސާރައިގެ 50 އިންސައްތަ ދޫކޮށްލައްވަން ނިންމަވާފައެވެ.