ރައްތިތުންގެ މަޖިލިހަކީ ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ, ޑިމޮކްރަޓިކް އުސޫލުން މުޅި މުއައްސަސާ އިންތިޚާބުކުރާ ހަމައެކަނި ބާރު

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީގައި ރާއްޖެއިން ބައިވެރިވާން ފާސްކޮށްފި

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީގައި ރާއްޖެއިން ބައިވެރިވާން ފާސްކޮށްފި

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން އިއްތިފާގުން ފާސްކޮށްފިއެވެ. މި ނިންމުން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 61 މެންބަރުންގެ ތާއީދާއެކުގައެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުންނެވެ. އެއީ ވަޒީރުންގެ މަޖިލީހުން ދެއްވި ލަފައާ އެއްގޮތަށެވެ. މައިގަނޑު ގޮތެއްގައި މި ޖަމްޢިއްޔާގައި ބައިވެރިވުމުގެ މަޤްޞަދަކީ ނިއުކްލިއަރ މެޑިސިންގެ ދާއިރާއިން ރާއްޖެއަށް އިތުރު އެހީތެރިކަން ހޯދުމެވެ. ޚާއްޞަކޮށް ކެންސަރު ބަލީގެ ފަރުވާގައި ބޭނުންކުރާ ނިއުކްލިއަރ މެޑިސިންއާ ގުޅޭ ކަންކަމުގައި އައިއޭއީއޭގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަސައްކަތުގައި އިސް ދައުރެއް އަދާކުރާނީ ދިފާޢީ ވުޒާރާއިންނެވެ. އަދި މިއީ ދިގު މުއްދަތަކަށް ކުރިއަށްދާނެ މަސައްކަތެއްކަމަށްވެސް ވިދާޅުވެފައިވެއެވެ. ނިއުކްލިއަރ މެޑިސިންގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިންވެސް ރާއްޖެއަށް ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.

1957 ވަނަ އަހަރުގެ ޖުލައި 29 ވަނަ ދުވަހު އުފެދުނު އައިއޭއީއޭއަކީ ހަނގުރާމައިގެ ބޭނުމަށް ނިއުކްލިއަރ ހަކަތަ ބޭނުންކުރުން ހުއްޓުވުމަށާއި، އޭގެ ހެޔޮ ބޭނުން ހިފުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މިހާރު މި ޖަމްޢިއްޔާގައި 178 ޤައުމު ބައިވެރިވެފައިވާއިރު، މި ސަރަޙައްދުގައި މި ޖަމްޢިއްޔާގައި ބައިވެރިނުވެ ތިބި ހަމައެކަނި ދެ ޤައުމަކީ ދިވެހިރާއްޖެއާއި ބޫޓާނެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން، ދިވެހި ދައުލަތުގެ ނަމުގައި ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ބައިވެރިވެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ. އެގޮތުން މި މައްސަލަ ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުން ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *