އަންނަ އަހަރު ހަތަރު ގައުމެއްގައި އިންވެސްޓް ފޯރަމް ބޭއްވުމަށް ވަނީ

އަންނަ އަހަރު ހަތަރު ގައުމެއްގައި އިންވެސްޓް ފޯރަމް ބޭއްވުމަށް ވަނީ

Author
ހުސައިން
23 އޮކްޓޯބަރ 2024 10:40
0

އަންނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރގައި ހަތަރު ގައުމެއްގައި އިންވެސްޓާ ފޯރަމް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ހާމަކުރައްވައިފިއެވެ. މި މައުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސިންގަޕޫރު، ދުބާއި، ތައިލޭންޑު އަދި އިންޑިއާގައެވެ. މިހާރު މި ފޯރަމްތަކުގެ ކޮންސެޕްޓް ޑިޒައިންތަކާއި ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މީގެ އިތުރުން، ހދ. އަތޮޅުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިމޭނެކަމަށް ލަފާކުރެވޭ ކަމަށާއި، އެއާއެކު 4،000 އެނދު އިތުރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

މި ފޯރަމްތަކުގައި ރާއްޖޭގެ ރިޒޯޓު ރަށްތަކާއި ބެހޭ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށާއި، ރާއްޖޭގައި މިހާރުވެސް އިންވެސްޓުކޮށްގެން މަސައްކަތްކުރާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމުގެ ސަބަބުން އާ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓުކުރުމުގެ ފުރުސަތުތައް އިތުރަށް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ފައިސަލް ގަބޫލުކުރައްވައެވެ. މިފަދަ ފޯރަމްތައް މީގެ ކުރިންވެސް ދުބާއި އަދި ޗައިނާގައި ވަނީ ބާއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.