ލޯސީޒަންގައި ފަތުރުވެރިން އިތުރުކުރަން މަސައްކަތް ފަށަނީ

ލޯސީޒަންގައި ފަތުރުވެރިން އިތުރުކުރަން މަސައްކަތް ފަށަނީ

Author
ހުސައިން
22 އޮކްޓޯބަރ 2024 08:55
0

ފަތުރުވެރިކަމުގެ އެންމެ ލޯސީޒަންގައި އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. އެމްއެމްޕީއާރުސީން އިންތިޒާމްކޮށްގެން ބޭއްވި ޓޫރިޒަމް ސިމްޕޯޒިއަމް 2024ގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ފާހަގަކުރެއްވީ އަންނަ އަހަރު ދުނިޔޭގެ އެކި ބާޒާރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައެއް ގައުމުތަކުގައި އެމްއެމްޕީއާރުސީގެ އޮފީސްތައް ގާއިމްކުރައްވާނެ ކަމަށެވެ.

މިނިސްޓަރީގެ އަމާޒަކީ، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުން އެންމެ މަދު ދުވަސްވަރު، އަންނަ އަހަރު ފަތުރުވެރިންގެ އަދަދު 10 އިން 15 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުކުރުމެވެ. އަދި ލަގްޒަރީ ރިސޯޓުތަކަށް ފަތުރުވެރިން އަންނަ އަދަދު މިހާރު ވަނީ އިތުރުވެފައި ކަމަށާއި، ފަތުރުވެރިން ގިނައިން ޚަރަދުކުރާނަމަ، އަދަދާމެދު ވިސްނަން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ފަތުރުވެރިކަން އިތުރަށް ތަރައްގީކުރުމަށް، ރިސޯޓުތަކުގައި ސިއްހީ ޚިދުމަތްތައް ގާއިމްކޮށް "މެޑިކަލް ޓޫރިޒަމް" ތަޢާރަފްކުރުމަކީ ވެސް ބޮޑު އާމްދަނީއެއް ލިބިދާނެ ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިގޮތުން، އިޓަލީއަށް އަހަރަކު އެއް މިލިއަން ފަތުރުވެރިން ދަތް ސާފުކުރުމަށް ދަތުރުކުރާ ކަމަށާއި، ރާއްޖޭގައިވެސް މިފަދަ ޚިދުމަތްތައް ފޯރުކޮށްދެވިދާނެ ކަމަށް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް، ސަރުކާރާއި މި ދާއިރާގެ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި ޚިޔާލު ބަދަލުކުރުން މުހިންމު ކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.