ޑިއުޓީ ބޮޑުކުރާތީ މެމްބަރު އައްބާސް ސިނގިރޭޓާ ދުރަށް!

ޑިއުޓީ ބޮޑުކުރާތީ މެމްބަރު އައްބާސް ސިނގިރޭޓާ ދުރަށް!

ގުޅުންހުރި

ސަރުކާރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށް ވޭޕް މަނާކުރަން ނިންމުމާ ގުޅިގެން، އަމިއްލައަށްވެސް ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލަން ނިންމަވާފައިވާކަން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް މިއަދު ހާމަކުރައްވައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި، ސިނގިރޭޓާއި ބިޑީގެ ޓެކުހާއި ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ އިސްލާޙަށް ތާއީދުކުރައްވަމުން، އެމްޑީއޭގެ މެންބަރު އައްބާސް ވިދާޅުވީ މިއީ މާދަމާގެ ޒުވާން ޖީލު ދުންފަތާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް އެޅޭ ވަރުގަދަ ފިޔަވަޅެއް ކަމަށެވެ.

އައްބާސް ފާހަގަކުރެއްވި ގޮތުގައި، މިހާރު ޒުވާނުން ސިނގިރޭޓަށް ކުރާ ޚަރަދު އާއިލާއަށް ކުރާ ޚަރަދަށްވުރެ ބޮޑުތަން އިތުރުވަމުންދާއިރު، ވޭޕާއި ގުޅުންހުރި އާލާތްތަކަކީ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް މަނާކޮށްފައިވާ އެއްޗެހިކަން ފާހަގަކުރެއްވިއެވެ. އަދި ދުންފަތާއި ވޭޕްގެ ސަބަބުން ކެންސަރު، ފުއްޕާމޭގެ އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށާއި، ވޭޕް މަނާކުރުމަށް ރާއްޖޭގެ 95 ޕަސެންޓް ރައްޔިތުން ތާއީދުކުރާނެ ކަމަށް ވިދާޅުވިއެވެ.

ދުވާލަކު ދެ ފޮށި ސިނގިރޭޓު ބޯ މީހެއްގެ ގޮތުގައި އަމިއްލަ ތަޖުރިބާ ހިއްސާކުރައްވަމުން، އައްބާސް ވިދާޅުވީ ވޭޕް މަނާކުރަން ނިންމާފައިވާ ނޮވެމްބަރު 15 އިން ފެށިގެން ސިނގިރޭޓު ބުއިން ހުއްޓާލަން ނިންމަވާފައިވާ ކަމަށެވެ. އޭނާގެ މި ނިންމެވުމަށް މަޖިލީހުގެ މެންބަރުން ވަނީ އަތްތިލަބަޑިޖައްސަވައި މަރުޙަބާ ކިޔާފައެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހެޅިފައިވާ އިސްލާޙުގައި، އީ-ސިނގިރޭޓާއި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލްގެ ޑިއުޓީ 50 ޕަސެންޓް ބޮޑުކޮށް، މިލިލީޓަރަކަށް 8 ރުފިޔާ ނެގުމަށާއި، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތަކުގެ ޑިއުޓީ 200 ޕަސެންޓަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ