ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ހިންގި "ފަލަސްތީނާ އެކު ދިވެހިން" ޓެލެތޯނުން ލިބުނު ފައިސާ ފަލަސްތީނު ރައްޔިތުންނަށް އެހީވާ ފަންޑަށް ރައްދުކުރިތޯ ބެލުމަށްޓަކައި، ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ނޯޓިސް ފޮނުވައިފިއެވެ.
މި ޓެލެތޯނުން 19 މިލިއަން ރުފިޔާ ލިބުނު ކަމަށް ހާމަކޮށްފައިވާއިރު، މިކަމާ ގުޅޭގޮތުން މިނިސްޓަރު ޚަލީލާ ސުވާލުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ވަނީ ހުށަހަޅާފައެވެ.
މީކާއީލްގެ މަޤްޞަދަކީ މިހާތަނަށް އެ ފައިސާ ހަވާލުކޮށްފައި ނުވާނަމަ، އެކަން ލަސްވަނީ ކީއްވެގެންކަމާއި ފައިސާ ހަވާލުކުރެވޭނެ ތާރީޚެއް އޮޅުންފިލުވުމެވެ. މި ފައިސާ ހަވާލުކުރުމަށް ނިންމާފައިވަނީ، އދ. ގެ ޖަމްޢިއްޔާއެއް ކަމަށްވާ "އަންރުވާ" އަށް ކަމަށްވާއިރު، ޓެލެތޯން އޮޑިޓްކޮށްފައިވަނީ ކްރޯ މޯލްޑިވްސްއިންނެވެ.
މި ސުވާލުތައް އުފެދިފައިވާއިރު، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދެމުންދާތާ މިހަރުވަނީ އަހަރެއް ވެފައެވެ. މި ހަމަލާތަކުގައި 42،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 90،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އެތައް ބަޔަކު ވަނީ ގެދޮރު ގެއްލި ނިކަމެތި ޙާލަތަކަށް ވެއްޓިފައެވެ.