ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ކެމްޕޭނެއް ފައްޓަވާފައެވެ. މިއީ އެމަނިކުފާނުގެ ކެމްޕޭން ވައުދެއްގެ ތެރެއިން ހިމެނޭ ކަމެކެވެ. މި ކެމްޕޭނަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމްޕީއެލްއިން ވަނީ އެއް މިލިއަން ގަސް އިންދުމަށް ނިންމާފައެވެ.
އެމްޕީއެލްއިން ގަސް އިންދަން ފެށީ އިއްޔެ ތިލަފުށީގައި، މާލެ ވިޔަފާރި ބަނދަރު ބަދަލުކުރާ ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތަކާ އެކުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮގޮތުގައި ދެމެހެއްޓުމަށާއި ގަސްގަހާގެހި ރައްކާތެރިކޮށް އިތުރުކުރުމުގެ މުހިންމުކަން ދެނެގަނެ ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.
އެމްޕީއެލްގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ރީޖަނަލް ޕޯޓްތަކުން މި މަސައްކަތުގައި ބައިވެރިވާނެ ކަމަށް ސީއީއޯ ވަޖީހް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި، އެކި ކްލަބު ޖަމިއްޔާތަކާ ގުޅިގެން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ގޮވާލެއްވިއެވެ. އެމްޕީއެލްގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ބައިވެރިވުމާއެކު އެއް މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލްކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މި ހަފުތާގެ ތެރޭގައި އެމްޕީއެލްއިން ވަނީ 10,000 ގަސް އިންދުމަށް ނިންމާފައެވެ.
މި ރަސްމިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު ވިދާޅުވެފައިވަނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެންމެ ގިނަ ގަސް އިންދުމަށް ޕްލެޖްކޮށްފައިވަނީ އެމްޕީއެލްއިން ކަމަށާއި، މިއީ އެމްޕީއެލްގެ ފަދަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން އިސްނަގައިގެން ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.