ޑޮލަރު ވިއްކާ ކަމަށް ބުނެ ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ދިވެއްސަކު ހައްޔަރު ކޮށްފި

ޑޮލަރު ވިއްކާ ކަމަށް ބުނެ ބިދޭސީއެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގި ދިވެއްސަކު ހައްޔަރު ކޮށްފި

Author
ހުސައިން
19 އޮކްޓޯބަރ 2024 05:48
0

ޑޮލަރު ވިއްކާ ކަމަށް ބުނެ ބިދޭސީއެއްގެ އަތުން 28،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ މަކަރާއި ހީލަތުން ނެގި 27 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ މި ފަރާތް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި ފަރާތުން ވަނީ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން ބިދޭސީއެއްގެ އަތުން މި ފައިސާ ހޯދާފައެވެ. އަދި މީގެ ތެރެއިން ބައެއް ފައިސާ އަނބުރާ ދީފައިވާ ކަމަށާއި، ގެއްލުން ލިބުނު މީހާއަށް ފައިސާ ދޭނެ ކަމަށް އޭނާގެ އަނބިމީހާއާއި އާއިލާއިން އެއްބަސްވެފައިވާ ކަމަށްވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ހައްޔަރުކުރެވުނު މީހާ މި ފައިސާ ދޭން އެއްބަސްވެފައިވީ ނަމަވެސް، އެއީ އޭނާ ކުރި ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ. ނަމަވެސް، ފައިސާ ހޯދާފައިވާ މީހާއަކީ ބިދޭސީއަކަށްވުމާއި، އެ މީހާގެ މައުލޫމާތު އޭނާއަށް އެނގޭތީ، ބާރު ފޯރުވިދާނެ ކަމަށް ބެލެވޭތީ އޭނާ ބަންދުން ދޫކޮށްނުލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކުރެވުނު ފަރާތަކީ މީގެ ކުރިންވެސް މިފަދަ އެތައް ކުށެއް ކޮށްފައިވާ މީހެއް ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތުކޮށްފައިވެއެވެ. މީގެ ތެރޭގައި ފަރުނީޗަރު ވިއްކާ ކަމަށް ބުނެ ފައިސާ ނެގުމާއި، ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ކޮށްދޭ ކަމަށް ބުނެ ފައިސާ ހޯދުން ހިމެނޭ ކަމަށް ބުނެވެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.