ހަރަދުތައް ފޫބެއްދުމަށް 4.27 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ

ހަރަދުތައް ފޫބެއްދުމަށް 4.27 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ

ދައުލަތުގެ ހަރަދުތައް ފުއްދުމަށްޓަކައި ސަރުކާރުން އަނެއްކާވެސް ބޮޑު އަދަދެއްގެ ޓީ-ބިލު ވިއްކަން ނިންމައިފިއެވެ.

މިފަހަރު ވިއްކުމަށް ހުޅުވާލައިފައިވަނީ ޖުމްލަ 4.27 ބިލިއަން ރުފިޔާގެ ޓީ-ބިލެވެ. މި ބިލުތައް ވިއްކާނީ އެކި މުއްދަތުތަކަށެވެ. އެގޮތުން އެއް މަހާއި، ތިން މަހާއި، ހަ މަހާއި އަދި އެއް އަހަރުގެ މުއްދަތުގައި އަނބުރާ ދައްކާ ގޮތަށް ބިލުތައް ވިއްކުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިޢުލާނުކޮށްފައެވެ.

މީގެ ކުރިން، މިއަހަރުގެ އޯގަސްޓު މަހުގައިވެސް ސަރުކާރުން ވަނީ 1.9 ބިލިއަން ރުފިޔާގެ ޓީ-ބިލު ވިއްކާފައެވެ. މިފަހަރު ވިއްކާ ބިލުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ތިން މަހުގެ މުއްދަތުގެ ބިލުތަކެވެ. އެއީ 2.7 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ހަ މަހުގެ މުއްދަތުގެ ބިލުތަކެވެ. އެއީ 917 މިލިއަން ރުފިޔާއެވެ.

ޓީ-ބިލަކީ ސަރުކާރުން ދާޚިލީ ބާޒާރުން ފައިސާ ހޯދުމަށް ބޭނުންކުރާ މާލީ ވަސީލަތެކެވެ. މި ބިލުތަކަށް އިންޓަރެސްޓު ދައްކަންޖެހޭއިރު، ބިލުގެ މުއްދަތު ދިގުވީ ވަރަކަށް އިންޓަރެސްޓު ރޭޓު މަތިވެއެވެ. މިސާލަކަށް، އެއް މަހުގެ މުއްދަތުގެ ބިލުގެ އިންޓަރެސްޓު ރޭޓަކީ 3.50 އިންސައްތަ ކަމުގައިވާއިރު، އެއް އަހަރުގެ މުއްދަތުގެ ބިލުގެ އިންޓަރެސްޓު ރޭޓަކީ 4.6 އިންސައްތައެވެ.

ސަރުކާރުގެ ޓީ-ބިލުތައް އެންމެ ގިނައިން ގަންނަނީ ޕެންޝަން ފަންޑާއި ވިޔަފާރި ބޭންކުތަކުންނެވެ. ނަމަވެސް، ސަރުކާރުގެ ދަރަނި އަދާކުރުމަށް ދަތިވެފައިވާ މި ދަނޑިވަޅުގައި މިފަދަ އިންވެސްޓްމަންޓްތަކަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ ދާޚިލީ އަދި ޚާރިޖީ ދަރަނި އަދާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި ބައެއް ޓެކްސްތައް ބޮޑުކުރުމަށް މަޖިލީހަށް ހުށަހެޅުންވެސް ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *