ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް މަގުމަތީގެ އެކްސިޑެންޓްތައް އެންމެ މަދުވީ މިދިޔަ މަހުއެވެ.
މިއަހަރުގެ ފުރަތަމަ 9 މަހުގައި ޖުމްލަ 2،192 އެކްސިޑެންޓް ރިޕޯޓްކުރެވިފައިވާއިރު، ކޮންމެ މަހެއްގައިވެސް 200 އަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވެއެވެ. އެހެންނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު މި އަދަދު ވަނީ 186 އަށް ދަށްވެފައެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު، މުޅި އަހަރު ތެރޭގައި 2،300 އެކްސިޑެންޓް ރިޕޯޓްކުރެވުނު ނަމަވެސް، ސެޕްޓެމްބަރު މަހު ހިނގި އެކްސިޑެންޓްތަކުގެ އަދަދު ހަމަ މިއަހަރެކޭ އެއްފަދައިން 186 ގައި ހިފެހެއްޓިފައިވާކަން ފާހަގަކުރެވެއެވެ.
މިދިޔަ މަހު އެކްސިޑެންޓްތައް މަދުވެފައިވަނީ މާލޭ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވުމާ ގުޅިގެން ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމުގެ ސަބަބުން ކަމަށް ބެލެވެއެވެ. ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައިވަނީ މި މަސައްކަތަކީ ވަގުތީ ގޮތުން ކުރެވޭ ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މި އުސޫލުން ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ފުލުހުންގެ އިދާރާއިން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. މީގެ ތެރޭގައި ސީނިއަރ ފުލުހުން ހިމެނޭ ގޮތަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ އަދަދު އިތުރުކުރުމާއި، މަގުމަތިން ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާނެ ފަދަ ގޮތަކަށް އެ އިދާރާގެ ސިޔާސަތުތައް ބައްޓަންކުރުން ހިމެނެއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަން އިތުރުވެ، އެކްސިޑެންޓްތައް މަދުވާނެ ކަމަށް އުއްމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ