ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި އަންނަ އަހަރު ރާއްޖެއަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދެއްވި ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވައިިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ މޯދީއާ ބައްދަލު ކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު ބޭއްވި ރަސްމީ މަޝްވަރާތަކުގައި ގިނަ ދާއިރާތަކަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރިއެވެ.
އޭގެ ފަހުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު މުހިންމު ފަސް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ރައީސް މުއިއްޒު އާއި މޯދީ ގުޅިގެން ދެއްވި ޕްރެސް ސްޓޭޓްމަންޓްގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު އަންނަ އަހަރު ފުރޭއިރު، މި މުނާސަބަތު ފާހަގަ ކުރުމަށްޓަކައި ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން މޯދީ އަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ.
ރާއްޖެ އާއި އިންޑިއާ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރީ ނޮވެމްބަރު 1، 1965 ގައެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ، ރާއްޖެ ވަޑައިގަތުމުގެ ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވާފައިވާ ކަަމަށެވެ.
މޯދީ އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ. އެގޮތުން ސޯލިހް ވެރިކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށާއި އޭގެ ފަހުން ވެސް މޯދީ ރާއްޖެ ވަޑައިގެންނެވިއެވެ.