2040ގެ ކުރިން ރާއްޖެއަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވައިފިއެވެ.
މޯދީ މި ޔަގީންކަން ދެއްވީ 2040 ވަނަ އަހަރު އަންނަންވާއިރަށް، ދިވެހިރާއްޖެއަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތުމާއި ގުޅިގެންނެވެ.
މި ވާހަކަތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޕްލޭނާ ގުޅޭގޮތުން ބޮޑުވަޒީރު މޯދީއަށް މަޢުލޫމާތު ދެއްވާފައެވެ. އަދި ބޯހިޔާވަހިކަމާއި، ވިޔަފާރި ތަރައްޤީކުރުމާއި، ފަތުރުވެރިކަމުގައި އެއްބާރުލުން ދިނުމަށް، އެމަނިކުފާނުގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ވާހަކަފުޅަށް ޖަވާބު ދެއްވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، 2040 ވަނަ އަހަރު އަންނަންވާއިރަށް، ދިވެހިރާއްޖެއަކީ ތަރައްޤީ ވެފައިވާ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި އިންޑިއާގެ ތާއީދު ދެއްވާނެކަމަށެވެ. ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި ވަނީ، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ފަންނިއްޔާތާ ގުޅުންހުރި އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާއި، ސަރަހައްދީ ގޮތުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލުމާއި، މޫސުމަށް އަންނަ ބަދަލުތަކަށްވެސް އިޝާރާތްކުރައްވާފައެވެ.
މި ވާހަކަތަކުގައި ދެ ފަރާތުންވެސް ވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކޮށް، އެކުގައި ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރަން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެން، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ. އެގޮތުން ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓާއި، އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާއި، ސިއްޙީ ދާއިރާ އާއި، އަންހެނުން ބާރުވެރިކުރުމާއި، އިޔާދަކުރަނިވި ހަކަތަ އާއި، މެރިޓައިމް ދާއިރާއިން އެއްބާރުލުންދީ އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާމެދު ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގެ ކުރީން ދެ ޤައުމުގެ އިސްވެރިންގެ މުހިންމު ވަކި ބައްދަލުވުމެއްވެސް ވަނީ ބާއްވަވައިފައެވެ