އިސްރާއީލުގެ ހަމަލާތަކުގައު، ހިޒްބުއްލާގެ އިސް ކޮމާންޑަރުންގެ ތެރެއިން އެކަކު ކަމަށްވާ މުޙައްމަދު ޙުސައިން ސުރޫރު ބުރާސްފަތި ދުވަހު ޝަހީދުވެފައިވާކަން ހިޒްބުއްލާއިން ކަށަވަރުކޮށްފިއެވެ. ނަމަވެސް އޭނާ ޝަހީދުވި ގޮތުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ހުކުރު ދުވަހުގެ ރޭގަނޑު މެދުޖެހުމުގެ ކުޑައިރުކޮޅެއް ފަހުން ނެރުނު ބަޔާނެއްގައި ހިޒްބުއްލާއިން ބުނެފައިވަނީ ސުރޫރު ޝަހީދުވެފައިވަނީ "ޤުދުސްއަށް ދިޔުމުގެ މަގުމަތީގައި ވަނިކޮށް" ކަމަށެވެ. މިއީ ޣައްޒާގެ މީހުންނަށް އެހީތެރިވުމަށް ހަނގުރާމަކުރާ މީހުންނަށް ލުބުނާނުން ބޭނުންކުރާ ރަމްޒީ އިބާރާތެކެވެ.
ބުރާސްފަތި ދުވަހުގެ ކުރީކޮޅު އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ބެއިރޫޓުގެ ދެކުނު ސަރަހައްދަށް އެމީހުން ދިން ހަމަލާތަކުގައި ސުރޫރު މަރުވެފައިވާ ކަމަށެވެ. މީގެއިތުރުން ސުރޫރަކީ ހިޒްބުއްލާގެ އެއަރ ކޮމާންޑްގެ އިސްވެރިޔާކަމަށް އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ބުނެފައިވާ ގޮތުގައި، ނެތަންޔާހޫ އދ.ގެ އާންމު މަޖިލީހަށް ނިއުޔޯކަށް ފުރާވަޑައިގަތް ދަތުރުގައި މި "ސުރޫރު އަވަހާރަކޮށްލުމުގެ އޮޕަރޭޝަން" އަށް ވަނީ ހުއްދަ ދީފައެވެ.
އިސްރާއީލުން ފާއިތުވި ހޯމަ ދުވަހުން ފެށިގެން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ލުބުނާނުގެ 700 އަށްވުރެ ގިނަ މީހުން ވަނީ މަރިވެފައެވެ.