މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލުގައި ދަންޖެހިފައި ހުރި ގައިދީއެއްގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުންދާ ކަމަށް މިއަދު ހާމަކޮށްފިއެވެ.
މަރުވި ގައިދީއަކީ މާލޭ، ގ. އެއްތެޔޮމާގެ، އަބްދުލްޣަނީ އިސްމާއީލް (62އ) އެވެ. އޭނާއަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދަޢުވާގައި 15 އަހަރަށް ޖަލަށްލާފައިވާ މީހެކެވެ.
އެޗްއާރްސީއެމްގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގިކަން އެނގުމާއެކު ކޮމިޝަންގެ ރެޕިޑް ރެސްޕޯންސް ޓީމުން ޖަލަށް ޒިޔާރަތްކޮށް ތަޙްޤީޤު ފަށާފައިވެއެވެ. މީގެ ތެރޭގައި ހަށިގަނޑު ބެލުމާއި، ސީސީޓީވީ ފުޓޭޖް ދިރާސާކުރުމާއި، ގައިދީންނާއި އޮފިސަރުންގެ ބަޔާން ނެގުމާއި، ކަމާގުޅޭ ލިޔެކިޔުންތައް ބެލުން ހިމެނެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މަޢުލޫމާތު ދެއްވާ ގޮތުގައި، ޣަނީ ދަންޖެހިފައި ހުއްޓާ ފެނުނީ އަންގާރަ ދުވަހު ހެނދުނު 6:52 ގައެވެ. އޭނާ ވަގުތުން މާފުށީ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، 7:21 ގައި މަރުވެފައިވާކަމަށް ޑޮކްޓަރުން ކަނޑައެޅިއެވެ.
ހޯމް މިނިސްޓްރީގެ މަޢުލޫމާތުން އެނގޭ ގޮތުގައި، ޣަނީ ހުރީ ޖަލުގެ 11 ވަނަ ޔުނިޓުގައެވެ. އޭނާ ދަންޖެހުމަށް ބޭނުންކޮށްފައިވަނީ ބެޑްޝީޓެކެވެ. މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، ޣަނީ ޖަލަށް ލާފައިވަނީ މިއަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. އަދި މީގެ ކުރިންވެސް ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލައެއްގައި އޭނާގެ މައްޗަށް ޙުކުމެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ.