ހެލްތު އެމެޖެންސީ ހުއްޖަތަކަށް ހަދައިގެން ކައުންސިލް އިންތިޚާބް ލަސްކުުރުމަކީ ޤާނޫނު އަސާސީއާއި ޚިލާފަށް ހިންގޭ އަމަލެއް ކަމުގައި ކުރީގެ އުއްތަމަ ފަޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
މިހާރު އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އިންތިޚާބް ބޭއްވުމުގެ އެއްވެސް ޤާނޫނީ ބާރުވެރިކަމެއް އިލެކްޝަން ކޮމިޝަނަށް ނެތްކަމަށް ބުނެ އިލެކްޝަން ކޮމިޝަނާއި، ބައެއް ފަރާތްތަކުން އުފައްދާ ޤާނޫނީ ސުވާލަށް ޖަވާބު ދެއްވަމުން ކުރީގެ އުއްތަމަ ފަޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ހެލްތް އިމަރޖެންސީ ޙުއްޖަތަކަށް ހަދައިގެން ލޯކަލް ކައުންސިލް އިންތިޚާބް ލަސްކުރުމަކީ ޤާނޫނު އަސާސީގެ 255 ގެ (ނ) އާ ކަނޑައެޅިގެން ޚިލާފަށް ހިންގޭ ބާޠިލް އަދި ޣައިރު ދުސްތޫރީ އަދި ޣައިރު ދީމިޤްރާޠީ ޢަމަލެއްކަމަށެވެ.
ޤާނުނު އަސާސީގެ 255 ގެ (ނ) ގައި ބުނެފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ލިބިދޭ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާ ނަމަ އެކަން ކުރާންވާނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ ޙައްޤެއް، ނުވަތަ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓާން ޖެހިއްޖެ މިންވަރަކަށް ކަމުގައެވެ.
ހެލްތް އިމަރޖެންސީ ޙުއްޖަތަކަށް ހަދައިގެން ލޯކަލް ކައުންސިލް އިންތިޚާބް ލަސްކުރުމަކީ ޤއ. ގެ 255 ގެ (ނ) އާ ކަނޑައެޅިގެން ޚިލާފަށް ހިންގޭ ބާޠިލް އަދި ޣައިރު ދުސްތޫރީ އަދި ޣައިރު ދީމިޤްރާޠީ ޢަމަލެއް. pic.twitter.com/wnD8JsICob
— Dr. Ahmed Abdulla Didi (@AABDULLADIDI) December 25, 2020
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ފުރަތަމަ ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރީލްމަހުގެ 4 ވަަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމުގެ ސަަބަބުން އިންތިޚާބު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ 6 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
ވއިންތިޚާބާއި ބެހޭ ޤާނޫނު ބުނާގޮތުން ރާއްޖޭގައި އާންމު ޞިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތްހާ ހިނދަކު އިންތިޚާބު ބޭއްވުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނަށް ލިބިގެނެއް ނުވާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފައެވެ. އިންތިޚާބު ބޭއްވުމަށްޓަކައި އިލެކްޝަން ކޮމިޝަނުން ވާންޖެހޭ ތައްޔާރީތައް މިހާރުވެސް ވަމުންދާއިރު، ކޮމިޝަންގެ ރައީސް ވިދާޅުވީ އިންތިޚާބު ބޭއްވޭނެ ފަދަ ހާލަތަކަށް އައުމާއެކު، އިންތިޚާބު ބޭއްވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވުމަށް އެކޮމިޝަނުން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށެވެ.