ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަށް 1.5 މިލިއަން ރުފިޔާ ދައްކަން، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ، އެފްއޭއެމް އިން ކުރިއަށް ގެންދާ "ދިވެހި ލީގު" ގެ ބައެއްގެ ގޮތުގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި "އެސްޓީއޯ ސައުތުލީގް" ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް އެފްއޭއެމް އާއި އެސްޓީއޯއާ ދެމެދު 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުން ފުޓްބޯޅަ މުބާރާތް ރާވައި އިންތިޒާމުކޮށް ހިންގުމަށް ސްޕޮންސަރޝިޕް ފީގެ ގޮތުގައި އެސްޓީއޯ އިން އެފްއޭއެމްއަށް 1.5 މިލިއަން ރުފިޔާ ދައްކާފައިވަނިކޮށް އެ އެއްބަސްވުމާ އެފްއޭއެމް އިން ހިލާފުވެފައިވާ މައްސަލައެކެވެ.
އެފްއޭއެމްއިން އެއްބަސްވުމާ ހިލާފުވެފައި ވަނީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މުބާރާތް އިންތިޒާމުކޮށް ބާއްވާފައި ނުވާތީއެވެ. އެހެންކަމުން އެފްއޭއެމް އިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި، އެސްޓީއޯއިން ސްޕޮންސަރޝިޕް ފީގެ ގޮތުގައި ދައްކާފައިވާ 1.5 މިލިއަން ރުފިޔާ އެފްއޭއެމްގެ ކިބައިން ހޯދުމަށް އެދި އެސްޓީއޯއިން ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.
މި ދައުވާގައި ބުނެފައި ވަނީ، އެ މުބާރާތް ފަށާނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާ، ހަތަރެއް ޑިސެމްބަރު 2022 ވަނަ ދުވަހު މުބާރާތް ފަށާފައި ނުވާތީ އެ މުބާރާތް ބޭއްވޭނެ ތާރީހެއް އަންގައި ދިނުމަށް ތަކުރާރުކޮށް އެފްއޭއެމްގައި އެސްޓީއޯއިން އެދިފައިވާ ކަމަށެވެ. ނަމަވެސް އެ އެއްވެސް ކަމަކަށް އެފްއޭއެމުން ޖަވާބުދީފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެސްޓީއޯއިން ހުށަހެޅި ހެކިތަކަށް ބަލައި، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާ އެފްއޭއެމް އިން ހިލާފުވެފައިވާ ކަމަށާއި "އެސްޓީއޯ ސައުތުލީގް" ގެ ނަމުގައި ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ސްޕޮންސަރ ފީގެ ގޮތުގައި ދީފައިވާ 1.5 މިލިއަން ރުފިޔާއަކީ އެސްޓީއޯއަށް އަނބުރާ ރައްދުކޮށްދޭން ޖެހޭ ފައިސާއެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އެހެންކަމުން އެ ފައިސާ އެސްޓީއޯއަށް ލިބިދިނުމުގެ ގޮތުން މިމަހު 15 ގެ ކުރިން އެ ހުރިހާ ފައިސާއެއް ސިވިލް ކޯޓަށް ދައްކައި ހަލާސްކުރުމަށް އެފްއޭއެމްއަށް އަންގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.