ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށަން ނިންމާފައިވާ "އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމް" އަކީ އާކަމެއް ނޫން ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި މުޅިން ނިންމާފައި އޮތް ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ އިންވެސްޓަ ރެސިޑެންސީ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ނިންމެވުމާ ގުޅިގެންނެވެ.
ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒު އާ މަސައްކަތެއްގެ ގޮތުގައި އިންވެސްޓަ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފްކުރާނެ ކަމަށް ވިދާޅުވި ނަމަވެސް މި މަސައްކަތަކީ އެމްޑީޕީ ސަރުކާރުން 2020 ވަނަ އަހަރު އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް "ކޯޕަރޭޓް ރެސިޑެންސީ ވިސާ"ގެ ނަމުގައި މުޅިން ނިންމާފަ އޮތް މަސައްކަތެއް ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރެއްވީ ގާނޫނުގައި ނެތަސްވެސް ރައީސް ޔާމީންގެ ސަރުކާރުންވެސް މިފަދަ ހިދުމަތެއް ފޯރުކޮށްދީފައިވާ ކަމެވެ.
ފައްޔާޒު ވިދާޅުވީ ކޯޕަރޭޓް ރެސިޑެންސީ ވިސާ އަކީ އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ބޭތިބުމަށް ހިތްވަރު ދިނުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އޭރު ތައާރަފްކުރި އާ ވިސާއެއް ކަމަށެވެ. އިންވެސްޓަރުން ރާއްޖޭގައި ގިނަ ދުވަހު ތިބުމަކީ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ކުރުމަށް ހުޅުވޭ އައު ދޮރެއް ކަމަށްވެސް ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތައް އެއީ ރައީސް މުއިއްޒުގެ މަސައްކަތްތައް ކަމަށް ދައްކަމުން ދިއުމަކީ އަލަށް ކުރާ ކަމެއްވެސް ނޫން ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އޭރު އެ ބަދަލު ގެންނަން ހުށަހެޅުމުން ޕީއެންސީން ގޮވަމުން ދިޔައީ ގައުމު ވިއްކާލަނިއްޔޭ، އިންޑިއާ މީހުން މިތާގައި ވަޒަންވެރި ކުރުވަން އުޅެނީއޭ ކަމަށެވެ. އިންވެސްޓަ ރެސިޑެންސީ ޕްރޮގްރާމެއް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ނިންމެވުމަކީ ހެޔޮފާލެއް ކަމަށް ފައްޔާޒު ވިދާޅުވެ، އެކަމަށް ރައީސް މުއިއްޒަށް މަރުހަބާ ދަންނަވާފައިވެއެވެ.