ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް 45 ރަށަކަށް ބޭނުންވާ ޖެނެރޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ،. މިކަން އޭނާ ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
މުޢާޒު ވިދާޅުވި ގޮތުގައި މިއަހަރު ފެށުނުއިރު ގިނަ ރަށްރަށުގައި ޖެނެރޭޓަރުތަކުގެ ހާލަތު ދަށްވެ، ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވެއެވެ. އެގޮތުން މިހާތަނަށް އެންމެ ހާލަތު ގޯސް 47 ރަށަކަށް ޖެންސެޓު ފޯރުކޮށްދެވިފައިވާ ކަމަށާއި، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އިތުރު 45 ރަށަކަށް ބޭނުންވާ ޖެނެރޭޓަރުތަކާއި މުހިންމު ސްޕެއަރ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޖީނުގެތަކުގެ ހާލަތު ދަށްވެފައިވަނީ ބަރާބަރަށް މެއިންޓެނަންސް ނުކުރެވުމުގެ ސަބަބުންކަމަށް މުޢާޒު ފާހަގަކުރެއްވިއެވެ. އަދި ކަރަންޓު ޚިދުމަތް ރަނގަޅުކުރުމަށް ރަށްރަށުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑްކުރުމަށް ރޭވިފައިވާ ކަމަށާއި، އެންމެ ހާލަތު ދަށް 15 ރަށެއްގައި މި މަސައްކަތް އަވަހަށް ފެށިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ތުޅާދޫ އަދި ހިންނަވަރު ފަދަ ރަށްތައް ހިމެނޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފެނަކަ ކޯޕަރޭޝަނަކީ 150 އަށްވުރެ ގިނަ ރަށުގައި ކަރަންޓުގެ ޚިދުމަތް ދޭ ފަރާތެވެ. އަދި މި ރަށްރަށުގައި ތަރައްޤީކުރެވޭ ފެނާއި ނަރުދަމާގެ ނިޒާމުތައް ބެލެހެއްޓުމުގެ ޒިންމާވެސް ޙަވާލުކުރެވިފައިވަނީ ފެނަކައާއެވެ.