ޓްރީޓޮޕް ހޮސްޕިޓަލުން ގދ. ތިނަދޫގައި މަލްޓި-ސްޕެޝަލްޓީ ހެލްތު ކޭމްޕެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. ޑރ. އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ކައުންސިލް ގުޅިގެން ކުރިޔަށް ގެންދާ މި ކޭމްޕް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
މި ކޭމްޕުގައި ކަށީގެ ބަލިތައް، ކަރުންމަތީގެ ބަލިތައް، ކުޑަކަމުދާ ނިޒާމްގެ މައްސަލަތައް، ހުޅުހުޅުގައި ރިއްސުން، ހިތުގެ ބަލިތައް، ގޮހޮރުގެ ބަލިތައް، ވައިހެދުމުގެ މައްސަލަތަކާއި އަންހެނުންގެ ޚާއްޞަ ބަލިތަކަށް ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމްތައް ބައިވެރިވާނެއެވެ. މި ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ޚަރަދެއް ނުހިނގާނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ، ޑރ. ސްރިވަޓްސަން ސްރިދާރް ޖީ ވިދާޅުވީ މި ހަރަކާތުގެ ސަބަބުން މާލެއަށް ދަތުރުކުރުމަށް ހޭދަވާ ވަގުތާއި ޚަރަދު ސަލާމަތްވެ، ފަސޭހަކަމާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ޓެކްނިކަލް ލެވެލްގައި މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިޔަށްގެންދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓްރީޓޮޕުން މިފަދަ ކޭމްޕްތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށާއި މުޖުތަމަޢުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
މި ކޭމްޕުގައި ބައިވެރިވާ ޑޮކްޓަރުންގެ ތެރޭގައި ކަށީގެ ޚާއްޞަ ބަލިތަކާއި ޓްރައުމާ ސަރޖަރީ، ކަރުންމަތީގެ ޚާއްޞަ ބަލިތައް، އަންހެނުންގެ ޚާއްޞަ ބަލިތައް، ކުޑަކަމުދާ ނިޒާމުގެ ބަލިތައް، ހިތުގެ ޚާއްޞަ ބަލިތަކާއި އެތެރެހަށީގެ ޚާއްޞަ ބަލިތަކުގެ ކޮންސަލްޓަންޓުން ހިމެނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހިން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ.