އިގުތިސާދީ ހާލަތު ގޯހޭ އެ ވިދޅުވާ ހާލަތަކު ރާއްޖެއެއް ނެތް: ސައީދު

އިގުތިސާދީ ހާލަތު ގޯހޭ އެ ވިދޅުވާ ހާލަތަކު ރާއްޖެއެއް ނެތް: ސައީދު

ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ގޯސް ކަމަށް ބުނެވޭނެ ޙާލަތެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އިޤްތިޞާދު 4.1 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިނިސްޓަރު ސަޢީދު ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ޙާލަތު އޮތީ ދަށު ދަރަޖައެއްގައެވެ. "ނިމިދިޔަ ސަރުކާރުގައި ތިން އަހަރު ތެރޭ އަށް ބިލިއަން ރުފިޔާ ޗާޕުކޮށް ކުރަން ނުޖެހޭ އެތަކެއް ޚަރަދުތަކެއް ކުރި. އޭގެ ނަތީޖާއަކަށްވީ ރާއްޖޭގެ ދިގު ތާރީޚުގައިވެސް ނުއުފެއްދޭ ވަރުގެ ދަރަންޏެއް އެންމެ ފަސް އަހަރުތެރޭގައި އުފައްދާފައިވާކަން،" އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އިޤްތިޞާދީ ޙާލަތު ދަށްވެގެން ކަމަށް ބުނަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެންނާ ވާދަވެރި ސިޔާސީ ބޭފުޅުން، އިހަށްދުވަހަކު ވެރިކަން ކޮށްފައި ތިބި ބޭފުޅުން މިއަދު އެއްބަސްވެއްޖެ އިޤްތިޞާދީ ޙާލަތު ކަންބޮޑުވާ ދަރަޖައެއްގައި ނެތްކަން،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 6.1 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރެވެއެވެ. އަދި މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން 16 ބިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށާއި، ދަރަނި ދެއްކުމަށް އޮތް ސޮވެރިން ފަންޑުގައި މިހާރު 60 މިލިއަން ޑޮލަރު ހުރި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބުނެ، މިނިސްޓަރު ފާހަގަކުރެއްވީ ފުނަދޫގެ ފައިނޭންޝަލް ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އުތުރުގެ ބަންކަރިން ޚިދުމަތް އަންނަ މަހުގެ 12 ވަނަ ދުވަހު ފެށޭނެ ކަމަށެވެ.

"މިހުރިހާ ކަމެއް ކުރަމުންދާއިރުވެސް އެއްވެސް ދަރަންޏެއް ޑިފޯލްޓުވެފައި ނުވާކަން" މިނިސްޓަރު ސަޢީދު ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *