9 މަސްވީއިރުވެސް ކުރީ ސަރުކާރުގެ ބޮލުގަ ކަންކަން އަޅުވަން ތިބުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫން، ބޭނުމީ ހައްލުކަމުގައި ވިދާޅުވެ، މިސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާމެދު، އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ކަންްބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ފައްޔާޟް ވިދާޅުވީ މިހާރުގެ ސަރުކާރުން އިޤްތިޞާދު މަޑުމައިތިރި މަގަކަށް އަނބުރާ ގެންދިއުމުގެ ޤާބިލުކަމާއި ވިޝަނެއް ނުފެންނަ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން މި ސަރުކާރާ ވެރިކަން ޙަވާލުކުރީ "އެމްޑީޕީގެ ސަރުކާރުން ނުބައިކޮށް ހިންގި އިޤްތިޞާދު" ރަނގަޅަށް ބެލެހެއްޓުމަށް ކުރެވުނު ވަޢުދުތަކުގެ މައްޗަށް ބިނާކޮށެވެ.
"ވެރިކަމުގެ 9 ވަނަ މަހުގައި ވެސް އަދި 5 އަހަރުގެ ދައުރު ނިމެންދެން ވެސް ކުރީގެ ސަރުކާރަށް ބަދުނާމުކުރަމުން ދިޔުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން. އެމީހުން ބޭނުންވަނީ ޙައްލުތައް،" ފައްޔާޟް ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިހާރުގެ ސަރުކާރުން އެމްޑީޕީ ސަރުކާރުގެ ސިޔާސަތުތަކަށް އެނބުރި ދާ މަންޒަރު ފެންނަމުންދެއެވެ. މީގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް އެސްޑީއެފް ބޭނުންކުރުމާއި "ފައިސާ ޕްރިންޓްކުރުން" ހިމެނެއެވެ.
ނަމަވެސް ފައްޔާޟް ވިދާޅުވީ މިއީ ރަނގަޅު ކުރުމުއްދަތުގެ ޙައްލުތަކެއް ކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ސަލާމަތްކޮށް، މުޅި އިޤްތިޞާދު ސަލާމަތްކުރުމަށް މި ފިޔަވަޅުތައް އެޅުމަށް އޭނާ އިލްތިމާސްކުރައްވާ ކަމަށެވެ.
އެހެންނަމަވެސް، ފައްޔާޟް ސަރުކާރަށް އިލްތިމާސްކުރެއްވީ މި ލިބޭ ތަނަވަސްކަން ބޭނުންކޮށްގެން ޚާއްޞަކޮށް ސިޔާސީ މަޤާމުތައްފަދަ ބޭނުމެއް ނެތް ޚަރަދުތައް ކުޑަކުރުމަށެވެ.