ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ގުޅުންތައް އިތުރަށް ބަދަހި ކުރަންޖެހޭ: ޒަމީރު

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ގުޅުންތައް އިތުރަށް ބަދަހި ކުރަންޖެހޭ: ޒަމީރު

Author
ހުސައިން
17 އޮގަސްޓް 2024 05:03
0

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހަލުވިކޮށް ހާސިލުކުރުމަށްޓަކައި ގްލޯބަލް ސައުތާއި އެހެނިހެން ޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަންޖެހޭ ކަމުގައިފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސަރުކާރުން މިއަދު ވަރޗުއަލްކޮށް ބޭއްވި ތިންވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ޒަމީރު ވަނީ 2023 ވަނަ އަހަރު ޖީ20ގެ ރިޔާސަތުގައި އިންޑިއާއިން އަދާކުރި މުހިންމު ދައުރަށް ތަޢުރީފުކުރައްވާފައެވެ. އަދި އިންޑިއާގެ އިސްނެގުމުގެ ދަށުން ތަޢާރަފުކުރެވުނު ޙަރަކާތްތަކުން ޖީ20ގެ މެންބަރު ޤައުމުތަކުގެ އިތުރުން، ޚާއްޞަކޮށް ގްލޯބަލް ސައުތުގެ ޤައުމުތަކަށް ލިބުނު މަންފާ ފާހަގަކުރައްވާފައިވެއެވެ.

މިނިސްޓަރު ޒަމީރު ވަނީ ގްލޯބަލް ސައުތުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި، ދަރަނި އިތުރުވުމުގެ މައްސަލަ ހިމެނެއެވެ. މި ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދުމަށް މަލްޓިލެޓަރަލް އޮނިގަނޑުތައް އަދާހަމަކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިނިސްޓަރު ޒަމީރު ވަނީ ދިވެހިރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ ތަޞައްވުރު ޙާޞިލުކުރުމަށް ބޭނުންވާ އައު ޓެކްނޮލޮޖީ ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް އަވަސް ދުވެއްޔެއްގައި ޙާޞިލުކުރެވޭނީ ގްލޯބަލް ސައުތާއި އެހެނިހެން ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށްގެން ކަމަށް ވިދާޅުވިއެވެ.

"ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓް" އަކީ އިންޑިއާގެ ޖީ20 ރިޔާސަތުގެ ދަށުން، ޖީ20ގައި ނުހިމެނޭ ޤައުމުތަކުގެ، ޚާއްޞަކޮށް ގްލޯބަލް ސައުތުގެ މައްސަލަތަކަށް އަޑުއުފުލުމަށް ފެށި ޙަރަކާތެކެވެ. މި އަހަރުގެ ސަމިޓް އިފްތިތާޙުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ. މި ޖަލްސާގައި 13 ޤައުމެއްގެ ފޮރިން މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.