ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ އާ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވިއްޖެއެވެ. މި މައްސަލައިގައި ދަޢުވާ އުފުލިފައިވަނީ އަހުޒަމް އަބްދުލްޝަކޫރު، ހަސަން ފަވާޒު އަދި އަބްދުލްވާހިދު ރިފާސްގެ މައްޗަށެވެ. މި ތިން މީހުންގެ މައްސަލަ ކުރިއަށްދަނީ ވަކިވަކިންނެވެ.
އަޑުއެހުމުގައި، އަބްދުލްވާހިދު ރިފާސްގެ ދިފާޢީ ވަކީލު، ދަޢުވާ ފޯމުގެ ހެކި ލިސްޓުގައި ނަންބަރުތަކުގެ އޮޅުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. ދައުލަތުން މިކަން ސާފުކޮށްދީފިއެވެ. އަދި ބައެއް ރިޕޯޓުތައް އަދިވެސް ދިފާޢަށް ދޫކުރަންޖެހޭކަން ދައުލަތުން ޤަބޫލުކުރިއެވެ.
ދިފާޢީ ވަކީލު ވިދާޅުވީ ދިފާޢު ބިނާކުރުމަށް މި ހެކިތައް މުހިންމުކަމަށެވެ. ނަމަވެސް، ދައުލަތުގެ ވަކީލު ވިދާޅުވީ ހެކިތައް ލިބޭ މިންވަރަކުން ދިފާޢަށް ހިއްސާކުރަމުންދާ ކަމަށާއި، ދަޢުވާއަށް ޖަވާބުދާރީވުން މިހާރުވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތައް ދިފާޢަށް ހިއްސާކުރެވިފައިވާކަމަށާއި، ކުރީގެ އަޑުއެހުމުގައިވެސް ދިފާޢަށް ލިޔެކިޔުންތައް ދިރާސާކުރަން ވަގުތު ދެވިފައިވާ ކަމަށް ދައުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ.
ދައުލަތުން މި އަޑުއެހުމުގައި ތިން ދަޢުވާއެއް އިއްވިއެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށާއި، އަދުލު އިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށާއި، މަރުވެފައިވާ މީހެއްގެ ހަށިގަނޑުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ކުށުގެ ދަޢުވާއެވެ.
ދަޢުވާލިބޭ އަބްދުލްވާހިދު ރިފާސް އެދުނީ ދަޢުވާއަށް ޖަވާބުދާރީވުމުގެ ކުރިން ވަކީލާ މަޝްވަރާކުރުމުގެ ފުރުޞަތަށެވެ. އެހެންކަމުން، ދެން އޮންނަ އަޑުއެހުމުގައި ދަޢުވާއަށް ޖަވާބުދާރީވުން އޮންނާނެއެވެ. އަޑުއެހުމުގެ ކުރިން ބާކީ ހުރި ލިޔެކިޔުންތައް ދިފާޢަށް ފޯރުކޮށްދިނުމަށް ދިފާޢީ ވަކީލު އެދިވަޑައިގެންފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދަވަނީ ޤާޟީ އަލީ އާދަމްއެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެއެވެ.