އިނގިރޭސި ލީގުކަޕުގެ ސެމީ ފައިނަލުގެ މެންޗެސްޓަރގެ ދެކުލަބު ވާދަކުރަން ޖެހިއްޖެއެވެ.
މުބާރާތުގެ ސެމީފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ނުކުންނާނީ ރަށުން ބޭރުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. އެންމެފަހުން ލީގުގައި މި ދެޓީމު ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުގެންނެވެ. ޒަމާންވީ އަވައްޓެރި ދެ ވާދަވެރިން ލީގުކަޕުގައި ސެމީފައިނަލުގައި ވާދަކުރާ މިއީ ވިދިވިދިގެން ތިންވަނަ ފަހަރުއެވެ. މީގެ ކުރިން ލަންޑަނުގެ ވާދަވެރި ދެކުލަބުކަމަށްވާ އާސެނަލް އާއި ޓޮޓްނަމް ވަނީ މުބާރާތުގެ ސެމީފައިނަލުގައި ހަމަ މިއަދަދަށް ވާދަކޮއްފައެވެ. ސިޓީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ އާސެނަލް ބަލިކޮއްގެން ޔުނައިޓެޑުގެ ޖާގަހޯދީ އެވަޓަން ބަލިކޮށްގެންއެވެ.
މުބާރާތުގެ ފުރަތަމަފަހަރަށް ސެމީ ފައިނަލުން ޖާގަހޯދި އިނގިރޭސި ޗެމްޕިއަންޝިޕުގައި ވާދަކުރާ ބްރެންޓްފޯޑް ނުކުންނާނީ ރަށުން ބޭރުގައި ޓޮޓްނަމްއާ ދެކޮޅަށެވެ. މުބާރާތުގެ ކުއާޓަރ ފައިނަލުގައި ނިއުކާސަލް މައްޗަށް ކުރި ހޯދި ބްރެންފޯޑްއާ ވާދަކުރި ޕްރިމިއަރ ލީގުގެ ހަތަރު ޓީމެއް ވަނީ މިފަހަރު މުބާރާތުން ކަޓައިފައެވެ.
ސެމީ ފައިނަލުގެ މެޗުތައް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 4 ވަނަދުވަހުއެވެ. މިފަހަރު މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ވެންބްލީގައިއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ފުރުސަތު ލިބެގެން ދާނީ އަންނަ ސީޒަނުގައި ޔޫއެފާއިން އަލަށް ފަށާ ޔޫއެފާ ކޮންފަރެންސް ލީގުން ޖާގަ ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ