މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް ކުރީގެ ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު އައްޔަން ކުރުމުގެ ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް އެ މަގާމުން ވަކިކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ރައްޔިތުންގެ މަޖިލީހުން ލަފާ އަރުވާފައިވަނީ އިއްޔެއެވެ. މި ލަފާއާއެކު އެ މަގާމުން އަލީ ހާޝިމް ވަކިކޮށް ރައީސް ރައީސް މުއިއްޒު ވަނީ އާ ގަވަރުނަރަކަށް މުނައްވަރު އައްޔަން ކުރެއްވުމާއިއެމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ފޮނުވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިކަމާ ގުޅިގެން މަޖިލީހަށް ފޮނުވި ސިޓީ އިއްވައި މި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
ގަވަރުނަރު ކަމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ކަނޑައަޅާފައިވާ މުނައްވަރަކީ ފައިނޭންސް މިނިސްޓްރީގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އޭނާ ހުންނެވީ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމުގައެވެ.
މުނައްވަރުގެ ނަން ދިރާސާ ކުރުމަށްފަހު އޭނާ މަގާމަށް އައްޔަން ކުރުމާއިމެދު ލަފާ ދިނުމަށް މަޖިލިސް ތަޅުމަށް ހުށަހަޅަން ޖެހޭނެއެވެ.
ކޮމެންޓު ފޮނުވާ