ވޭތުވެދިޔަ މަސްތަކުގައި ކަރަންޓް ބިލްތައް އިންތިހާއަށް ބޮޑުވެފައިވާތި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މުހައްމަދު އިބްރާހިމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ސަރުކާރުގެ ފަރާތުން ކަރަންޓް ފޯރުކޮށްދެމުންދާ މައި ދެ ކުންފުނިކަމަށްވާ ސްޓެލްކޯ އަދި ފެނަކައިން ކަރަންޓަށް ކުރަމުން ދިޔަ ބިލްތައް ނިމިދިޔަ މަހާއި އަދި ވޭތުވެދިޔަ މަސްތަކުގައި އިންތިހާ އަށް ބޮޑުވެފައިވާތީ ސަރުކާރުން އެކަން ތަހުގީގު ކުރުމަށް ގޮވާލާކަމަށެވެ.
އިބްރާހިމް މުހައްމަދު ވިދާޅުވީ، 2024 އޭޕްރިލް މަހުގެ ކަރަންޓް ބިލް ލިބުމާއި އެކީގައި ރައްޔިތުން ކަންބޮޑުވެ ސްޓެލްކޯ އަށް މައްސަލަ ހުށަހަޅާ ސޯޝަލް މީޑިއާ އަށް އެކި މަސްމަހުގެ ބިލުތައް ފެންނާނެހެން ފޮޓޯލައި އެކި ސުވާލުތަށް އާންމުކުރަމުން ގެންދިޔަކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުންތަށް ގިނަވެ ސްޓެލްކޯއިން ވަނީ ބިލްތަކަށް ލުޔެއް ދީފައިކަމަަށާ ނަމަވެސް ވޭތުވެދިޔަ މަސްތަކުގައި ރީޑިން ނަގާފައިވާ ބިލްތައް ކުރިއަށްވުރެވެސް ބޮޑުކަމަށް ބުނެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މިއަދާ ހަމައަށްވެސް ވޭތުވެދިޔަ މަސްތަކުގެ ކަރަންޓު ބިލު ބޮޑުވި ތަފްސީލެއް ލިބިފައިނުވާކަމަށާއި އަދި ރައްޔިތުންނަށް ކަރަންޓު ބިލުތައް ބޮޑުވާ ސަބަބު ސާފުކޮށްދިނުމަށް ގޮވާލެއްވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ދަތި އުނދަގޫތަކަށް ވީހާވެސް އަވަސް ހައްލެއް ހޯދައިދުނުމަށްވެސް މުހައްމަދު އިބްރާހިމް ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މި ކުއްލި މައްސަލަ ބަލައިގަނެ ބަހުސްކުރަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެެމްބަރުންގެ ވޯޓުން ވަނީ ކުއްލި މައްސަލަ ބަލައިގަންނަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ