ކައުންސިލްތަކުން 2025 އިން 2027 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓެއް އެކުލަވާލާ އަންގައިފި

ކައުންސިލްތަކުން 2025 އިން 2027 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓެއް އެކުލަވާލާ އަންގައިފި

ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން 2025 އިން 2027 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓެއް އެކުލަވާލާ ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އެ މިނިސްޓްރީން އަންގައިފިއެވެ.

ކައުންސިލްތަކަށް މި ގޮތަށް އަންގާފައިވަނީ މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވާ ނެރުއްވި ބަޖެޓާބެހޭ ސާކިއުލާގައެވެ.

މިނިސްޓަރުގެ ސާކިއުލާގައި ވަނީ ކައުންސިލްތަކުން 2025 އިން 2027 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށައެޅުމަށް އަންގާފައެވެ.

ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރާއިރު ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ އާއި ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީ އާއި ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް އަދި ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ އެނގެން އޮންނަންވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އަދި ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރުކުރަންޖެހޭނީ މި އަހަރުގެ މެދުރާސްތާގެ ބަޖެޓާއި 2025 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާކޮށްފައިވާ އަދަދުތަކަށްވުރެ އިތުރުނުވާނެ ގޮތަށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކައުންސިލްތަކުން މެދު ރާސްތާ ބަޖެޓެއް އެކުލަވާލަން ފިނޭންސް މިނިސްޓްރީން އަންގާފައި މިވަނީ އަތޮޅު ތެރޭގެ ރަށްރަށުގެ ރަށު ކައުންސިލަރުންގެ އަދަދު މަދުކޮށް އަދި އަތޮޅު ކައުންސިލް އެކުލެވޭ ގޮތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސްް މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ސައިޒު ކުޑަކުރަންޖެހޭ ކަމަށާއި ކައުންސިލްތައް ނުކަތާހާ ބޮޑު ކަމަށްވާއިރު، 300 މީހުން 500 މީހުން އަދި 1،000 މީހުން ދިރިއުޅޭ ރަށެއްގައި ކައުންސިލަރުންގެ ގޮތުގައި ފަސް މީހުން ނުވަތަ ހަތް މީހުން ހޮވުމަކީ ހަރަދު ބޮޑު ކަމެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *