ދައުލަތަށް އާމްދަނީ ވަންނާނެ މަޝްރޫއުތައް މުޒާހަރާކޮށްގެން ހުއްޓުވާ ނަމަ، މި ސަރުކާރުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ.
ޝުޖާއު އެގޮތަށް ވިދާޅުވީ ރިސޯޓު ހެދުމަށް ވ. ބޮޑުފިނޮޅު ކާނި ހޮޓެލްސް އަށް ކުއްޔަށް ދޫކުރި މައްސަލައިގައި ބަޔަކު މުޒާހަރާކޮށްފައި ވަނިކޮށެވެ. ވ. އަތޮޅު ކައުންސިލުން ފަޅުގައި ބޭއްވި މުޒާހަރާގައި ބައިވެރިވީ ވަރަށް މަދު އަދަދެއްގެ ބަޔަކެވެ. އެ ތަނުގައި ގިނައިން ތިއްބެވީ ކައުންސިލަރުންނެވެ. އޭގެ އިތުރުން ކެޔޮދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިއުޝާދު ވެސް އެ މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެމީހުންގެ ކަންބޮޑުވުމަކީ ފަޅުގައި ރިސޯޓު ހަދައިގެން އެކްސްކާޝަން ފަދަ ކަންކަން ނުކުރެވޭނެތީއެވެ. އޭގެ ސަބަބުން ގެސްޓްހައުސްތަކަށާއި ސަފާރީ އަދި ބައެއް ރިސޯޓުތަކަށް އޭގެ ގެއްލުން ލިބޭނެ ކަމަށް އެމީހުން ބުނެއެވެ. އެކަމަކު، އެ ތަން އެކްސްކާޝަނެއްގެ ގޮތުގައި ހިންގުމަށް ވުރެ ބޮޑަށް ފައިދާ ވާނީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުންނެވެ. އެކަމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވާނެއެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ޝުޖާއު ވިދާޅުވީ މީގެކުރިން އެމްޑީޕީން މުޒާހަރާކޮށްގެން އަންނަން ހުރި މަޝްރޫއުތައް ހުއްޓުވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރި ކަމަށެވެ. އެ މާޒީ ތަޖުރިބާ ކުރި ކަމުގައި ވިޔަސް، ކުރިއަށް އޮތް ތަނުގައި މުޒާހަރާކޮށްގެން މަޝްރޫއުތައް ނުހުއްޓޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ހދ. ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާތީ، އެ ރަށުގައި ތިބި ބަޔަކު ލައްވައި "ކުޅި" ހިމާޔަތް ކުރުމުގެ ނަމުގައި މުޒާހަރާއެއް ކުރި ކަމަށެވެ. ސިނަމާލެ ބްރިޖު މަޝްރޫއު ފެށީމަ، ރާޅާ އަޅަން އުޅޭ ޒުވާނުން ލައްވައި މުޒާހަރާއެއް ކުރި ކަން ވެސް ފާހަގަ ކުރެއްވިއެވެ.
ވ. އަތޮޅުގެ ބޮޑު ޓޫރިޒަމްގެ މަޝްރޫއެއް ފަށަން އުޅޭތީ އެކަމާ ދެކޮޅު ހަދަނީ އެމްޑީޕީ ބަޔަކު ކަމަށާއި އެކަން ހުއްޓާލެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި ދައުލަތަށް ލިބޭ ފައިދާ އަށް ހުރަސް އަޅާ މީހުންނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމުގެ އިންޒާރު ވެސް ޝުޖާއު ދެއްވިއެވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން ވަނީ ތިކަން ހުއްޓާލާށޭ. މި ސަރުކާރަށް، ދައުލަތަށް އާމްދަނީ ލިބޭ، ދައުލަތުގެ މާލިއްޔާ އަށ ލިބޭ ފައިދާ ހުރަސް އަޅާ މީހުންނާ ދޭތެރޭގައި ގާނޫނީ ފިޔަވަޅު މި ސަރުކާރުން އަޅާނަމޭ." ޕީއެންސީ ޕާލަމެންޓްރީ ގްރޫޕްގައި ވެސް ހިމެނިވަޑައިގަންނަވާ އެންމެ އިސް އެއް މެމްބަރު ޝުޖާއު ވިދާޅުވިއެވެ.
"މިކަމަށް ހިތްވަރުދޭ މީހުން ވެސް، އެއީ ވެރިކަންކޮށްފައި ހުރި މީހެއްތޯ ނޫންތޯ ނުބަލާ ގާނޫނީ އިމުގެ ތެރެއިން އެމީހަކަށް ދޭން ޖެހޭ ހައްގު އަދަބު ދޭން މި ސަރުކާރުން ފަސް ނުޖެހޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން."
ބޮޑުފިނޮޅުގައި ރިސޯޓު ހަދަން ހަވާލުކުރީ ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) ގެ ރައީސް އަބްދުﷲ ނަޝީދުގެ ކުންފުނި ކާނި ހޮޓެލްސްއަށެވެ. ކާނި ހޮޓަލަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނިން ނިންމާފައި އޮތީ އެ ފަޅުގައި ހަތަރު ތަރީގެ 200 ކޮޓަރި ހިމެނޭ ރިސޯޓެއް ހުޅުވުމަށެވެ. އެ ތަނުގެ އަމަލީ މަސައްކަތް އޮކްޓޯބަރު މަހުގެ ތެރޭގައި ފެށޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ