މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 88 ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
ނޫސްވެރިކަން ކުރާ ފަރާތްތައް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި މީޑިއާ ކައުންސިިލުން ދެމުން އަންނަ އެވޯޑަށް 18 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ތަހުގީގީ ނޫސްވެރިކަން، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ، ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ، ގްރެފިކްސް އާއި އިލެސްޓްރޭޝަންގެ ދާއިރާ، ފީޗަ ރިޕޯޓުގެ ދާއިރާ، ތާރީހާއި ސަގާފަތުގެ ދާއިރާ، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ، ތިިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ، އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ، އުއްމީދީ ނޫސްވެރިޔާގެ އިނާމު، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ، އަހަރުގެ އެންމެ މޮޅު ކަވަރޭޖު އެވޯޑެވެ.
މީޑިއާ ކައުންސިލުން ބުނީ އޯޑިއޯ ޖާނަލިޒަމް އަދި އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުން ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ.
އަހަރުގެ އެންމެ މޮޅު ކަވަރޭޖާއި އޯޑިއޯ ޖާނަލިޒަމް އަދި ރަށްރަށުގެ ނޫސްތަކަށް ހާއްސަ ކޮށްފައިވާ އަތޮޅު ތެރޭގެ އެންމެ މޮޅު އުފެއްދުމަކީ މި އަހަރު އަލަށް ތައާރަފްކުރި ތިން ކެޓަގަރީއެވެ.
މީޑިއާ ކައުންސިލުން ނޫސްވެރިކަމުގެ އިނާމް ދޭން ފެށީ 2013 އިން ފެށިގެންނެވެ.