އަތުލައިގަތް ދެ ކޮންޓޭނަރެއްގައި ހުރި 22 ވެހިކަލަކާއި ސްޕެއާ ޕާޓްސް ދައުލަތަށް ނަގަން ހުކުމް ކޮށްފި

އަތުލައިގަތް ދެ ކޮންޓޭނަރެއްގައި ހުރި 22 ވެހިކަލަކާއި ސްޕެއާ ޕާޓްސް ދައުލަތަށް ނަގަން ހުކުމް ކޮށްފި

ލަކުޑިއާއި ފްލައިވުޑްގެ ނަމުގައި ރާއްޖެއަށް އެތެރެކުރިފަހުން އަތުލައިގަތް ދެ ކޮންޓޭނަރެއްގައި ހުރި 22 ވެހިކަލަކާއި ސްޕެއާ ޕާޓްސް ދައުލަތަށް ނަގަން ހުކުމް ކޮށްފިއެވެ.

2019 ވަނަ އަހަރު އެތެރެކުރި އެ ކޮންޓެއިނަރ ރާއްޖެ އެތެރެ ކޮށްފައިވަނީ، އަލީ އަސްބާހު، ލާޓް، ގދ. ތިނަދޫ ގެ ނަމުގައެވެ. ވިޔަފާރި ރެޖިސްޓަރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، މެޓްރޮކްސްގެ ނަމުގައެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ލަކުޑި އާއި ފްލައިވުޑުގެ ނަމުގައި ރާއްޖެއަށް އެތެރެކުރި ވެހިކަލްތަކާއި ސްޕެއާ ޕާޓްސްތަކާއި މެޓްރޮކްސްއާ އެއްވެސް ގުޅުމެއް ނެތް ކަމަށް މެޓްރޮކްސްގެ ވެރިފަރާތް، އަސްބާހު ބުނެފައިވާ ކަމަށެވެ.

އަދި ޝަރީއަތުގައި އަސްބާހު ބުނެފައި ވަނީ އެ މުދަލަކީ މެޓްރޮކްސްގެ މުދަލެއް ނޫން ކަމަށާއި އެ މުދާ ދައުލަތަށް ނެގުމާމެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ. ނަމަވެސް އެހެން ބުނުން ފިޔަވައި އެކަން ސާބިތު ކޮށްދޭން އިތުރު އެއްވެސް ހެއްކެއް އޭނާގެ ފަރާތުން ޝަރީއަތަށް ހުށަހަޅައިފައެއް ނުވެ އެވެ.

ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ މުދާ އެތެރެ ކޮށްފައި ވަނީ ކަސްޓަމްސްއިން އެ ވިޔަފާރިއަށް ދޫކޮށްފައިވާ ޔޫސާ ނޭމާއި ޕާސްވޯޑު ބޭނުން ކޮށްގެންކަން އެނގޭތީ އާއި އެ ލޮގިން ބޭނުން ކުރީ އަސްބާހު ނޫންކަން ޝަރީއަތަށް ސާބިތު ކޮށްދެވިފައި ނުވާތީކަމަށެވެ.

އެގޮތުން ސިވިލް ކޯޓުން އަމުރުކުރީ އެ ވެހިކަލާއި ސްޕެއާ ޕާޓްސް ދައުލަތަށް ނެގުމުގެ އަމުރު ދީ ހުކުމް ކުރާ ކަމުގައެވެ.

އެ ކޮންޓޭނަރުތަކުގައި އެތެރެކުރި ވެހިކަލްތައް ދައުލަތަށް ނަގައިދިނުމަށް އެދި ކަސްޓަމްސްއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ދައުލަތުން ބުނެފައި ވަނީ އެ ދެ ކޮންޓޭނަރު ޑިކްލެއާ ކުރުމަށް މެޓްރޮކްސްއަށް ދީފައިވާ ލޮގިން ބޭނުން ކޮށްގެން މުދާ ޑިކްލެއާކޮށް ފޯމު ހުށަހަޅާފައިވާ ކަމަށާއި އެ ދެ ކޮންޓޭނަރުގެ "ސީލް" ވެސް ކަނޑައިފައި ވަނީ ކަސްޓަމްސްއަށް އެނގުމަކައި ނުލައި ކަމަށެވެ. އަދި އެ ވެހިކަލްތައް އެ ކޮންޓޭނަރުތަކުން ނެރުނުކަން ކަސްޓަމްސްއިން ކުރިއަށް ގެންދިޔަ ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *