ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިދިޔަ މަހު ބޭއްވި ޓެލެތޯންގައި ލިބުނު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޮރިން މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމަކަށް ޕީއެސްއެމުން އިންތިޒާމުކޮށްގެން އެ ޓެލެތޯން ބޭއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 8:00 އިން އެ ރޭގެ ދަންވަރު 12:00 އާ ހަމައަށެވެ. މި ޓެލެތޯންގައި މާލޭގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓިއެވެ. ދަންވަރު 12:00 އާ ހަމައަށް ޓެލެތޯން ކުރިއަށް ގެންދިޔަ ނަމަވެސް އަނެއް ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު ޕީއެސްއެމުން ދީފައިވެއެވެ.
މި ޓެލެތޯނުން ޖުމްލަ ލިބުނީ 19،186،851.5ރ. އެވެ. އެއީ 18،418،922ރ. އާއި 49،800 ޑޮލަރެވެ.
މި ފައިސާގެ ރަމްޒީ ޗެކް ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި ބޭއްވި ބައްދަލުވުމެއްގައެވެ. ޕީއެސްއެމްގެ ފަރާތުން މި ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ. ޗެކާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މިޓެލެތޯން ކުރިއަށްދިޔަ ގޮތް ބެލެހެއްޓީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސްއިންނެވެ. އެ ފާމުން ފާހަގަކުރި ގޮތުގައި މިޓެލެތޯންގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައިވަނީ ޓްރާންސްޕޭރެންޓްކޮށެވެ.
މިޓެލެތޯނަށް ލިބުނު ފައިސާގެ ތެރެއިން 15،495،613.31 ރުފިޔާއަކީ އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އަދި އޮންލައިން ޓްރާންސެކްޝަންގެ ގޮތުގައި 37919 ޑޮލަރުވެސް ލިބިފައިވެއެވެ. މީގެ އިތުރުން އެކި ސަރަހައްދުތަކުގައި ބެހެއްޓި ފަންޑު ފޮށިތަކަށް 1،417،549.93 ރުފިޔާ ލިބިފައިވާއިރު 11،768 ޑޮލަރުވެސް ފަންޑުފޮށިތަކަށް ލިބިފައިވެއެވެ. މީގެ އިތުރުން ޕީއެސްއެމުން ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖްގެ ތެރޭގައިވެސް 1،505،759 މިލިޔަން ރުފިޔާއާއި 113 ޑޮލަރު ލިބިފައިވެއެވެ.