2008 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުއިތް އެކްޓަރ އަދި ފިލްމު ޕުރޮޑިއުސަރ ހަރްމަން ބަވެޖާ އޭނާގެ ލޯބިވެރިޔާ އަދި ވެލްނެސް ކޯޗް ސާޝާ ރަމްޗަންދަނީ އާ މިހަފްތާގައި ވަނީ އެންގޭޖްވެފައެވެ. ވަރަށް ޕްރައިވެޓްކޮށް ކުރި މި އެންގޭޖްމެންޓުގެ ފޮޓޯއެއް އޭނާގެ ދައްތަ ރޮވީނާ ބަވެޖާ ވަނީ އިންސްޓާގުރާމުގައި ހިއްސާކޮށްފައެވެ.
އެހެންކަމުން ހަރްމަން މިހާރު ހުންނަގޮތް ފެންނަ މި ފޮޓޯއަށް ގިނަބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ. މި ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކުރުމާއެކު ގިނަ ބަޔަކު ވަނީ މި ޖޯޑަށް މަރުހަބާ ކިޔާފައެވެ.
40 އަހަރުގެ ހަރްމަން އަކީ އޭނާގެ ކެރިއަރުގެ ކުރީކޮޅުގައި ވަރަށް މަޝްހޫރުވި އަދި ވަރަށް ގިނަބަޔަކު ބަލައިގަތް އެކްޓަރެކެވެ. އޭރު އެންމެންވެސް ބުނަމުންދިޔައީ ހަރްމަން، މަޝްހޫރު އެކްޓަރ ރިތިކް ރޯޝަނާ ވައްތަރުކަމުގައެވެ. ނަމަވެސް ފަހުގެ ފޮޓޯއިން ފެނިގެންދަނީ ހަރްމަން އެއްކޮށް ބަދަލުވެފައި ހުއްޓައެވެ. ކުރީގައި ފިޓް ހަށިގަނޑަކާއިއެކު ފެނުން އެކްޓަރު މިހާރު ހުރީ ވަރަށްބޮޑަށް ފަލަވެފައެވެ. އަދި ތުނބުޅި ބަހައްޓާފައި ހުރިއިރު ތުނބުޅީގައި ނުރަޖަހާފައިވުމުން ހީވަނީ އުމުރުން ވަރަށް ދުވަސްވެފައި ހުރިހެންނެވެ.
ހަރްމަން އެންމެ ފުރަތަމަ ފެނިގެންދިޔައީ 2008 ވަނަ އަހަރުގެ ފިލްމު "ލަވް ސްޓޯރީ 2050″ އިން ޕްރިޔަންކާ ޗޯޕްރާ އާއެކުގައެވެ. އަދި އޭރު އެދެމީހުން އުޅުނީވެސް ރައްޓެހިވެގެންނެވެ. އެއަށްފަހު ހަރްމަން ކުޅުނު 3 ފިލްމުވެސް އެހާ ބޮޑު ތަރުހީބެއް ނުލިބުމުން ފިލްމީ ދައިރާއިން ދުރަށް ދިޔައެވެ. ނަމަވެސް ފިލްމީ ދާއިރާއަށް އެނބުރި އައިސް 2014 ވަނަ އަހަރު ފިލްމު "ޑިޝްކިޔޫން" އިން ވަނީ ފެނިގެންގޮސްފައެވެ.
ހަރްމަން އާއި ސާޝާ ކައިވެނިކުރަން ހަމަޖެހިފައިވަނީ 2021 ވަނަ އަހަރު ތެރޭގައެވެ.
ކޮމެންޓު ފޮނުވާ