ޖަމީލުގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

ޖަމީލުގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ

Author
އަހުމަދު
01 ޖުލައި 2024 02:23
0

ކ. މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި މުހައްމަދު ޖަމީލްގެ މަރުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމުން ބުނެފައިވަނީ މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް މަރުވެއްޖެނަމަ އެކަން ހިނގާދިޔަ ގޮތް ބަލައި، އެ މީހެއްގެ ހަށިގަނޑު ބެލުމަށް ރެސްޕޮންސް ޓީމުން ވަގުތުން ހަރަކާތްތެރިވާން ފަށާނެ ކަަމަށެވެ.

އެ އުސޫލުގެ ދަށުން ޖަމީލުގެ މައްސަލާގައި ވެސް ރެޕިޑް ރެސްޕޮންސް ޓީމް ހަރަކާތްތެރިވެ، ޖަމީލުގެ ހަށިގަނޑު ބަލައި ފޮޓޯ ނަގައި ކަރެކްޝަންސް ސާވިސްގެ އޮފިސަރުންނާއި އާއިލާގެ ފަރާތުން މައުލޫމާތު ސާފުކޮށް އޭނާގެ މެޑިކަލް ފައިލް ބަލާފައިވާ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

މީގެ އިތުރުން މާފުށީ ޖަލަށް ޒިޔާރަތްކޮށް، އެ ހާދިސާގެ ސީސީޓީވީ ފުޓޭޖާއި ޖަމީލު ހުރި ގޮޅި ބެލުމުގެ އިތުރުން އެ ޔުނިޓުގައި ތިބި މީހުންނާއި ޖަމީލު ކުރިން ހުރި ގޮޅީގައި ތިބި މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށް އެޗްއާރުސީއެމުން ބުނެފައިވެއެވެ.

ޖަމީލް މިދިޔަ ހުކުރު ދުވަހު ނިޔާވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމަށާއި ފަރުވާ ދިނުމުގައި ވެސް އިހުމާލުވެފައިވާ ކަމަށް ދަނީ ބުނަމުންނެވެ. އެކަމަކު، ކަރެކްޝަނަލް ސާވިސް އާއި ހޯމް މިނިސްޓްރީން ވެސް އެކަން ދޮގުކުރެއެވެ.

ޖަމީލުގެ މޫނުމައްޗާއި ބުރަކަށީގެ އެކި ތަންތަނުގައި ނޫފައިގެންފައިވާ ތަންތަން ހުރި ކަމަށާއި އެއީ އަނިޔާގެ ނިޝާންތަކެއް އާއިލާ އިން ދިޔައީ ތުހުމަތު ކުރަމުންނެވެ. އާއިލާ އިން އެ މައްސަލަ ޖައްސާތީ ޖަމީލްގެ ޕޯސްޓްމޯޓަމް ހަދަން ހޯމް މިނިސްޓްރީން ފުލުހުންނަށް އެންގިއެވެ. އެކަމަކު، އާއިލާ އިން އެކަމާ ދެކޮޅު ހެދީއެވެ. އާއިލާ އިން ބޭނުން ނުވުމުން ޖަމީލްގެ ހަށިގަނޑު މިހާރު ވަނީ ވަޅުލައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.