ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ އުޅަނދުތައް ނެގުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ އުޅަނދުތައް ނެގުމަށް އަނެއްކާވެސް އިލްތިމާސްކޮށްފި

Author
ހުސައިން
13 ޖޫން 2024 10:51
0

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ ކަނޑު އުޅަނދުތައް ނެގުމަށް އަނެއްކާވެސް އެޗްޑީސީ އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑިސީން ބުނެފައިވަނީ ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އެ މަސައްކަތަށް ދަތިވާ ގޮތަށް ބައެއް ކަނޑު އުޅަނދު އަޅާފައިވާކަން ފާހަގަ ކުރެވޭ ކަމުގައެވެ. އަދި މިފަދަ އުޅަނދު ތަކަކީ އާންމުކޮށް ބޭނުން ނުކޮށް ހުންނަ އުޅަނދުތައް ކަމުން އެތަކެތީގެ ވެރިފަރާތް ހޯދުމަށްވެސް ދަތިތަކާ ކުރިމަތިވާކަމަށްވެސް ބުނެފައި ވެއެވެ. މީގެ އިތުރުން ބިން ހިއްކާ ސަރަހައްދަށް ބާޖު އަދި ކޮޅުވެއްޓި ވަނުމުގެ ތެރޭގައި އުޅަނދުތަކުގައި ޖެހި އެކިވަރުގެ ގެއްލުން ލިބިފައި ވާކަމަށާއި، އެހެންކަމުން، ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އިތުރަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުންނާއި، އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން މި ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އިލްތިމާސް ކުރާކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

މީގެ އިތުރުން ހުޅުމާލޭގެ ފޭސް 2 ގެ ވަގުތީ ޖެޓީއަށް ފަޅުތެރެއިން ދާން އޮންނަ މަގު ހަނިވާގޮތަށް ބައެއް އުޅަނދުތައް އަޅާފައި ހުރުމުގެ ސަބަބުންނާއި، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން އުޅަނދުތަކަށް ލިބިދާނެ އިތުރު ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް އެޗްޑިސީން އެދިފައި ވެއެވެ.

ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުން ދާކަމަށް ފާހަގަކުރެވިގެން އީޕީއޭގެ އާއްމު އިއުލާނަކުން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގާފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވުމާއެކު، ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް އަލުން ފެށުމަށް އެ ކޯޕަރޭޝަނުން ތައްޔާރުވަމުންދާ ކަމަށާއި، އެހެންކަމުން، ބިން ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު (SITE B2, SITE C) ގައި އަޅާފައި ހުރި ކަނޑު އުޅަނދުތައް ވިހާވެސް އަވަހަކަށް ނެގުމަށް އެޗްޑީސީ އިން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.