ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް އެއްބަސް ވެއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް އެއްބަސް ވެއްޖެ

Author
ޙަސަން މުޙައްމަދު
10 ޖޫން 2024 07:22
0

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ޖެންޑާ މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްއޭސީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާނެވެ. ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާތިފެވެ. އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން މިނިސްޓްރީގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލަމްއާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން އިންޓާންޝިޕް ދެވޭ މީހުންނަށް ލިބެންޖެހޭ ތަޖުރިބާ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް އެމްއޭސީއެލުން މަސައްކަތްތައް ކުރާނެ ކަމަށެވެ.

އަހުމަދު އާތިފް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ވެސް ހުނަރުވެރި ފަރާތްތައް ކަމަށާއި އެ މީހުންވެސް މައުނަވީ ގޮތެއްގައި މުޖުތަމައުގައި ބައިވެރިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލުން ބުނީ އެ ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ މުޖުތަމައުގައި ހަމަހަމަކަމުގެ ސަގާފަތެއް އާލާކުރުމުގެ މަގުސަދުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ފަސް މީހަކަށް ލިބިގެންދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.