އަލްސަން ގުޅިވަޑައިގަތުމަކީ ރައީސްއާއެކު ޒުވާނުންގެ ގިނަ އުންމީދުތަކެއްވާ ކަމުގެ ހެއްކެއް: ޝިޔާމް

އަލްސަން ގުޅިވަޑައިގަތުމަކީ ރައީސްއާއެކު ޒުވާނުންގެ ގިނަ އުންމީދުތަކެއްވާ ކަމުގެ ހެއްކެއް: ޝިޔާމް

ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އަލްސަން، ޕީއެންސީއާ ގުޅިވަޑައިގަތުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކުގައި ޒުވާނުންގެ ގިނަ އުންމީދުތަކެއްވާ ކަމުގެ ހެއްކެއް ކަމުގައި ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

ޝިޔާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ މަޖިލިހުގެ އެންމެ ޒުވާން މެމްބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި އަސްލަން، ރައީސް މުއިއްޒު އާ އެކުގައި ކުރިއަށް ވަޑައިގަތުމަށް ނިންމަވައި ޕީއެންސީއާ ގުޅިވަޑައިގަތުމަކީ ރައީސްއާ އެކު ޒުވާނުންގެ ގިނަ އުންމީދުތަކެއްވާ ކަމުގެ ހެއްކެއް ކަމަށެވެ.

ޝިޔާމް ވަނީ އަލްސަން އަށް މަރުހަބާ ވެސް ދަންނަވައިފައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ކުރެއްވި އަލްސަން ޕީއެންސީއަށް ސޮއިކުރެއްވީ މުލިއާގޭގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އަލްސަން ސޮއިކުރެއްވި ފޯމް ހަވާލު ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެވެ.

އަލްސަން، ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަބްދުﷲ ޝަރީފް (ޝަރީ) އާ ވާދަކުރައްވައެވެ. އަލްސަން އަށް 870 ވޯޓު ލިބިވަޑައިގެންނެވި އިރު، ޝަރީ އަށް ލިބިވަޑައިގަތީ 799 ވޯޓެވެ. ތިން ވަނަ އަށް ދިޔަ އެމްޑީޕީގެ ކެންޑިޑޭޓު ޒިފްލީނާ ހަސަނަށް ލިބިވަޑައިގަތީ 519 ވޯޓެވެ.

މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި ފަހުން ގުޅިވަޑައިގެންނެވި މެމްބަރުންނާ އެކުގައި އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 75 އަށް އަރައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *