ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓި، އަދި އިމާރާތްކުރަމުންދާ ބައެއް ތަންތަނުގައި ޖަހާފައިހުރި ފެންސްތައް ވަޔާ ވެއްޓެމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ވިއްސާރަވެ ވައި ގަދަވާތީ އުސް އިމާރާތްތަކުގައި ހުންނަ އެއްޗެހި ވަޔާ ނުދާނޭހެން ހަރުކޮށްފައި ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
އަދި އޭގެ އިތުރުން މީހުން ދިރިއުޅޭ އުސް އިމާރާތްތަކުގެ މަތިން ވެސް ވަޔާ އެއްޗިހި ނުދާނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށާއި ކުޑަދޮރުތައް ވެސް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.
ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓި، އަދި އިމާރާތްކުރަމުންދާ ބައެއް ތަންތަނުގައި ޖަހާފައިހުރި ފެންސްތައް ވަޔާ ވެއްޓެމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސް ކޮށްފައިވާއިރު، މިއަދު މާލޭ ސިޓީއަށް ކުރަމުންދާ ވިއްސާރާގައި ހުޅުމާލޭގެ އުސް އިމާރާތެއްގެ ވަށައިގެން، އެ އިމާރާތް ހެދުމަށް ޖަހާފައިހުރި ހޮޅިތަކާއި ދާތައް ވަޔާ ވެއްޓޭ މަންޒަރުވަނީ ސޯޝަލް މީޑިއާގައި ދައުރު ވެފައެވެ.
ހަމަ އެއާއެކު، ކަނޑުދަތުރު ކުރުމުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.
މިހާރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރަމުންދާ ވިއްސާރާގައި މެޓް އޮފީހުން މިހާރުވަނީ ލ. އަތޮޅުންފެށިގެން އައްޑޫ އަތޮޅާއި ހަމައަށް ރީނދޫ އެލާޓް ނެރެފައެވެ. ރީނދޫ އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 18:00 އިން ފެށިގެން މެންދަމު 12:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ލަފާ ކުރެވޭ ކަމުގައެވެ. އަދި ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާ ކޮށްފައި ވެއެވެ.