ސުޝާންތު ސިންގް ރާޖްޕުތްގެ މަރާ ގުޅިގެން އެކަމުގެ ފައިދާ އެތައްބަޔަކުވަނީ ނަގާފައެވެ. އަދި މި ހާދިސާއާއި ގުޅިގެން ޑުރަގުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އަދި އެތައް ބޮލީވުޑް ތަރިންނެއްގެ ނަން ވަނީ މިމައްސަލާގައި ހިމެނިފައެވެ.
މަޝްހޫރު އެކްޓްރެސް ސާރާ އަލީ ޚާންގެ ނަންވެސް މިކަމުގެތެރޭގައި އައިސްގެން އޭނާވެސް އެންސީބީގެ ތަހުގީގަށް ވަނީ ހާޒިރުކޮށްފަ އެވެ. މި ދަނޑިވަޅުގައި، ސޯޝަލް މީޑިއާގައި ބޯއިކޮޓް ކެމްޕެއިންތަކާއި ޒުވާން ތަރިންގެ ޓްރޯލްކުރުމުގައި ގިނަބަޔަކު މަސްއޫލުވެގެން އުޅުނު އިރު އެތައް ޕުރޮޑިއުސާރުންނެއް ވަނީ މި މައްސަލާގައި ނަންހިމެނުނު އެކްޓަރުން، އެމީހުންގެ ޕްރޮޖެކްޓްތަކުން ވަކިކޮށްފަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޓައިގާ ޝްރޮފް އާއިއެކު "ހީރޯޕަންތީ 2″ އަކަށް ލީޑް ރޯލު ކުޅެން ހަމަޖެހިފައި އޮތީ ސާރާ އަލީ ޚާނެވެ. އަދި ފިލްމަށް ސޮއިކުރުމާ ގާތަށް ކަންކަން ނިމިފައި ވަނިކޮށް ޑްރަގުގެ މައްސަލަ ފެންމަތިވެ ސާރާ ގެ ނަންވެސް އޭގައި ހިމެނުނެވެ. އެއާއެކު ފިލްމުގެ ޕުރޮޑިއުސަރުންނަށް ހީވީ ސާރާ ހިމަނައިފިނަމަ ފިލްމަށް ތަރުހީބު ނުލިބިދާނެކަމަށެވެ. އެހެންކަމުން ކުއްލިއަކަށް ސާރާ އެފިލްމުގައި ނުހިމެނުމަށް ޕްރޮޑަކްޝަން ޓީމުން ނިންމިއެވެ.
އެ ފިލްމަށް ފަހުން ނަގާފައިވަނީ ޓައިގާ ޝްރޮފް އާއިއެކު ވަރަށް ހޫނު ކެމިސްޓުރީއެއް ދެއްކި، ފިލްމު "ސްޓޫޑަންޓު އޮފް ދަ އިޔާ"ގެ ލީޑު އެކްޓްރެސް ތާރާ ސުތާރިއާ އެވެ. ޕުރޮޑިއުސަރުންވެސް މި ނިންމުން ނިންމަން ބޭނުންނުވިޔަސް އޭރު މަޖުބޫރުވީއެވެ.
ޓައިގާ ޝްރޮފްވަނީ "ހީރޯޕަންތީ 2″ގެ ޝޫޓިންގ ޔޫއޭއީގައި ފަށަން ތައްޔާރުވެފައެވެ. އަދި ވަރަށް އަވަހަށް ތާރާ ސުތާރިއާވެސް ޝޫޓިންގައި ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އަހަރު ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.
އަނެއްކޮޅުން ސާރާ އަލީ ޚާން ދެން ފެނިގެންދާނީ މި ހަފްތާ ބަންދުގައި ރިލީޒްކުރާ ފިލްމު "ކޫލީ ނަމްބަރ1″ އިންނެވެ.