ބޮލީވުޑްގައި ސުޕާހީރޯ ފިލްމުތައް އުފެއްދުމުގެ ފޯރި މިހާރަކަށް އައިސް ގަދަ ކަން ފާހަގަ ކުރެވެއެވެ. ބައެއް ފިލްމުތައް މިހާރު ދަނީ ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ.
ރަންބީރު ކަޕޫރު ފިލްމް "ބުރަމާސްތުރާ"ގައި ސުޕަހީރޯއެއްގެ ރޯލުކުޅޭއިރު، ރިތިކް ރޯޝަން ދަނީ ބޮލީވުޑްގައި ސުޕަހީރޯ ފިލްމަކަށް އެންމެ ކާމިޔާބުވި ފިލްމު "ކްރިޝް" ގެ 4 ވަނަ ބައި ނެރުމަށް ތައްޔާރުވަމުންނެވެ. އަދި ރަންވީރު ސިންގް އާއި ކެޓްރީނާ ކައިފްވެސް މިފަދަ ފިލްމަކަށް ތައްޔާރުވަމުންދާއިރު، މިހާރު އަޑު އިވެމުންދަނީ މަޝްހޫރު އެކްޓަރ ކާތިކް އާރްޔާންވެސް ސުޕަހީރޯ ފިލްމެއް ކުޅެންއުޅޭކަމެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ކާތިކް އާރްޔާން ވަނީ އޭނާގެ ފުރަތަމަ ސުޕާހީރޯ ފިލްމަށް ސޮއިކޮށްފައެވެ. ކާތިކް އާރްޔާން ތައްޔާރުވަމުންދަނީ ވަސަން ބާލާގެ ކޮމިކް ޝަހުސިއްޔަތެއްކަމަށްވާ "ފާންތޮމް"ގެ ރޯލަށެވެ.
ކާތިކް އާރްޔާންއަކީ އަބަދުވެސް ތަފާތު ރޯލުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ އެކްޓަރެކެވެ. މިފަހުން އޭނާވަނީ، އޭނާގެ ކުރިއަށްއޮތް ފިލްމަކީ "ދަމާކާ" ކަމަށްބުނެފައެވެ. މިފިލްމުން އޭނާ ފެނިގެންދާނީ އެހެން ފިލްމުތަކުން ނުފެންނަ ފަދަ ތަފާތު ރޯލަކުންނެވެ.
މި ފިލްމުގެ ޝޫޓިން މިހާރު ފަށާފައިވާއިރު، ކާތިކްގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު ފިލްމު "ބޫލް ބުލައްޔާ 2″ އަދި "ދޯސްތާނާ 2″ ފާހަގަކޮށްލެވެއެވެ. ބޫލް ބުލައްޔާ 2 ގެ ޝޫޓިންގ ވެސް މިމަހު ފަށާނެކަމަށް ހަބަރުތައް ލިބެއެވެ.