ކުރީގެ ފިލްމީ ތަރި ސަނާ ޚާން އޭނާގެ ފިރިމީހާއާއެކު އެއްމަހުގެ އެނިވާސަރީފާހަގަކުރުމަށް އިންސްޓާގުރާމުގައި ވީޑިއޯއެއް ހިއްސާކޮށްފިއެވެ.
މި ވީޑިއޯގައި ފެނިގެންދަނީ ސަނާ ޙާން އެމީހުންގެ ކައިވެނީގެ ސެޓިފިކެޓުގައި ސޮއި ކުރާތަނެވެ. އަދި އެއާއެކު ވީޑިއޯގައި ސަނާ ހާން އުފާވެރި ދުވަސްތަކަކަށް ދުޢާކުރާތަން ފެނިގެންދެއެވެ.
މި ވީޑިއޯ ޝެއާކުރަމުން ސަނާ ލިޔެފައިވަނީ މިދުވަހަކީ މިދިޔަ މަހު "ޤަބޫލުހޭ" އޭ ބުނިދުވަސްކަމުގައެވެ. އަދި ﷲ އިރާދަކުރެއްވީތީ މިހާރު މިދުވަހަށް މިވީ އެއްމަސް ކަމަށާއި މިގޮތަށް އުފަލުގައި މުޅި އުމުރު ދުވަހު އުޅޭނަންކަމަށް ލިޔެފައި ވެއެވެ.
މިއީ މުޅި އުމުރުގައިވެސް ނިންމި އެންމެ ރަނގަޅު ނިންމުން ކަމުގައިވެސް ލިޔެފައިވެއެވެ. އެވީޑިއޯގައި ސަނާ އަޅައިގެން އިންނަ ދުޕައްޓާއަކީ އޭނާގެ މައިދައިތަ އޭނާއަށް ތައްޔާރުކޮށްފައިވާ އެއްޗެއްކަމަށްވެސް ލިޔެފައިވެއެވެ.
ސަނާ ޚާން ކައިވެނިކޮށްފައިވަނީ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.
މި ކައިވެނި އެންމެނަށް އެނގިގެންދިޔައީ ސޯޝަލްމީޑިއާގައި ދައުރުވަމުންދިޔަ ވީޑިއޯތަކުންނާއި ފޮޓޯތަކުންނެވެ. އަދި ސަނާވެސް އޭނާގެ ފިރިމީހާއާއެކު ފޮޓޯއެއް ހިއްސާކޮށް ކައިވެނިކޮށްފައިވާކަމަށް އިޢުލާނުކޮށްފައިވެއެވެ. އެއަށްފަހު އޭނާގެ ހަނީމޫންއާއި އެހެން ހަފްލާތަކުގެ ފޮޓޯތައްވެސް ވަނީ ހިއްސާކޮށްފައެވެ.
ކުރީގެ "ބިގްބޮސް" ގެ ބައިވެރިޔާ ސަނާ ޚާން ވަނީ އަނަސް އާއި އޭނާ ކައިވެނި ކުރި ސަބަބު ކިޔާދީފައިއެވެ. އަދި ކައިވެނިކުރުން އެއީ އެއްރޭން ނިންމި ނިންމުމެއް ނޫނަކަމަށާއި، ފިލްމީ ދާއިރާ ދޫކޮށްލި ސަބަބުވެސް އޭނާވަނީ ކިޔައިދީފައެވެ. އެކަމުގައި އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށްވެސް ސަނާ ވަނީ ބުނެފައެވެ.
ފިލްމް އިންޑަސްޓްރީގައި ސަނާ ޚާން ކޮށްފައިވާ މަސައްކަތްތަކަށް ބަލާލާއިރު ހައްލާ ބޯލް، ޖެއި ހޯ، ވަޖާ ތުމްހޯ އަދި ޓޮއިލެޓް، ފަދަ ފިލްމުތަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ.