ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ލަފާކޮށް މާދަމާ ރެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު މޫސުން ވަރަށް ގޯސްވާނެކަމަށް މެޓުން ލަފާކޮށްފައިވާތީ ސަމާލުވާންވީ ކަންކަމުގެ އިރުޝާދު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ދީފިއެވެ.
އެންޑީއެމްއޭއިން ދީފައިވާ ބައެއް އިރުޝާދު:-
- ވާރޭވެހި ފެންބޮޑުވެދާނެކަމަށް ތައްޔާރުވުން
- ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން، މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލުނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
- ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
- ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުން
މި އިރުޝާދުތަކާއެކު އެންޑީއެމްއޭއިން ބުނެފައިވަނީ އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކުރާކަމަށާއި މި އިރުޝާދުތަކަށް ރަށުފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ހާއްސަ ސަމާލުކަމެއް ދެއްވުން އެދޭކަމަށެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ 16 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދު ވައިބާރުވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށް، ވިއްސާރަކުރާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއްވައެވެ.