ޓެކްސް ކޮމިޝަނަރަކަށް ޒަރީރު އައްޔަންކުރަން މަޖިލިހުން ރުހުން ދީފި

ޓެކްސް ކޮމިޝަނަރަކަށް ޒަރީރު އައްޔަންކުރަން މަޖިލިހުން ރުހުން ދީފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ހުޅުވާލީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ތިމަރަފުށީ ދާއިރާ އަށް ވާދަކުރެއްވުމަށެވެ. އެމްޑީޕީގެ ޓިކެޓުގައި ނުކުންނަވައި އޭނާ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައެވެ.

ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގެ ދަށުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފެނިވަޑައިގަންނަވާ ނަންތަކުގެ ތަރުތީބުގެ ކުރީގައި އޮތީ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަމެވެ. އަދި ދެވަނައިގައި އޮތީ އޭރު ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރެވެ.

ނަމަވެސް ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ނިންމީ ޒަރީރުގެ ނަން ފާސް ކުރުމަށެވެ.

ޒަރީރަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ކުރިން ވަނީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމު ފުރުއްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *