ގއ ކޫއްޑޫއިން ފައިލޭރިއާގެ ތިން ކޭހެއް ފެނިއްޖެ އެވެ.
ކޫއްޑޫއިން ފައިލޭރިއާއަށް ފައްސިވި ތިން މީހުންނަކީވެސް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރާ ތިން ބިދޭސީންނެވެ. އެގޮތުން އެއީ އިންޑިއާއަށް ނިސްބަތްވާ ތިން މީހުންނެވެ.
މިފްކޯގެ މީޑިއާ އޮފިޝަލް ބައެއް ލޯކަލް މީޑިއާތަކަށް މައުލޫމާތުދެމުން އި ވިދާޅުވީ ގއ. އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން ކޫއްޑޫގައި ކުރިއަށް ގެންދިޔަ ހެލްތު ސްކްރީން ޕްރޮގްރާމެއްގައި އިންޑިއާގެ ތިން މަސައްކަތްތެރިއަކު ބައްޔަށް ޕޮޒިޓިވްކަން އެނގުނު ކަމަށާއި އެ ތިން މީހުންނަށް ވަނީ ވަގުތުން ފަރުވާދީފައި ކަމަށެވެ. އަދި ފަރުވާ ފުރިހަމަ ކުރުމަށްފަހު މިހާރު އެމީހުން އެނބުރި މަސައްކަތަށް ނުކުމެފައިވާ ކަމަށްވެސް މިފްކޯއިން ވަނީ ބުނެފައި އެވެ.
ފައިލޭރިއާއިން ކޫއްޑޫއިން ފައްސިވި މީހުންނަކީ މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެ އައިސް ކޫއްޑޫގައި މަސައްކަތް ކުރަން ފެށި ބައެކެވެ..
ކޫއްޑޫއިން ފައިލޭރިއާގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މިފްކޯއިން މިހާރު ވަނީ އެކުންފުނީގެ މަސް ފެކްޓަރީ ތަކުގައި ފައިލޭރިއާއަށް ސްކްރީން ކުރުމުގެ މަސައްކަތް ފަށާފައި އެވެ. އެގޮތުން މިފްކޯއިން ބުނާ ގޮތުގައި ސްކްރީން ކުރަމުންދަނީ ބިދޭސީ މަސައްކަތްތެރިންނެވެ.
2016 ވަނަ އަހަރު ރާއްޖެއިން ނައްތާލެވުނު ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެއިން އަލުން ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުޅުދުއްފުށީންނެވެ. އެޔަށްފަހު މާލެއިން ވެސް ވަނީ ފައިލޭރިއާގެ ކޭސްތަކެއް ފެނިފައި އެވެ.