އިސްރާއީލުން ޣައްޒާގެ ރަފާއަށް އަރައިގަތުން ހުއްޓުވުމަށް ރާއްޖެއިން މަސައްކަތް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ސައްލެ)އެވެ. އޭނާ ހުށަހެޅުއްވި ކުއްލި މައްސަލާގައި ގޮވާލާފައިވަނީ އިސްރާއީލުގެ އުދުވާންގ ސަބަބުން ރަފާގައި ގަތުލުއާންމެއް ހިނގައިގެން ދިއުމުގެ ބިރު އެބައޮތް ކަމަށާއި، މި ޖަރީމާއަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުން ދެކޮޅުހަދާކަން ހާމަކުރުމުގެ އިތުރުން، އިސްރާއީލުން ރަފާއަށް އެރުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރުމަށެވެ.
އިޒްރޭލުން މި ހިންގަން މި އުޅޭ ޖަރީމާއަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއްކަން ހާމަކޮށް އަދި އިޒްރޭލު ސިފައިން ރަފާއަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ އަޅުގަނޑު ހުށަހަޅަން.
ކުއްލި މައްސަލާގައި ސަލީމް ވިދާޅުވިއެވެ.
ސަލީމް ހުށަހެޅުއްވި މި މައްސަލައިގައި ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް އިންތިހާ އަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް، އަދި ގިނަ މީހުންގެ އާދޭސްތަކަށް ބެލުމެއް ނެތި އެ ގައުމުން ރަފާ އަށް އެރުމަށް ތައްޔާރުވަމުން އެތައް ބައެއްގެ ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ.
އެހެންވެ އިޒްރޭލުން ހިންގަން މި އުޅޭ ޖަރީމާ އަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކަނޑައެޅިގެން ދެކޮޅު ހަދާ ކަމެއް ކަން ހާމަކޮށް، އިޒްރޭލުގެ ސިފައިން ރަފާއަށް އެރުން ހުއްޓުވުމަށް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް، ސަލީމް ހުށަހެޅުއްވި މައްސަލައިގައިވެއެވެ.
ޖަލްސާ އަށް ހާޒިރުވެވަޑައިގެންނެވި 23 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 22 މެންބަރުންގެ އިއްތިފާގުން މި މައްސަލައަށް ބަހުސްކުރަން ފާސްކުރި ނަމަވެސް، މި މައްސަލައަށް ބަހުސްކުރެއްވީ ސަލީމްގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދުގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިނެވެ. އިތުރު މެންބަރަކު އެ މައްސަލައަށް ބަހުސްކުރުމަށް އެދިފައެއް ނުވެއެވެ.