ޕިކްޕޯސްޓް ހިދުމަތްދޭ އައު ސްޓޭޝަނެއް ހުޅުވައިފި

ޕިކްޕޯސްޓް ހިދުމަތްދޭ އައު ސްޓޭޝަނެއް ހުޅުވައިފި

Author
ޢަލީ އާދަމް
20 ޑިސެމްބަރ 2020 01:19
0

ގްރޭޓަރ މާލެ ބަސް ޓާމިނަލުގައި ޕިކްޕޯސްޓް ސްޓޭޝަނެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ހުޅުވައިފިއެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެއިލް ޑެލިވަރީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާއިމްކުރި އައު ޕިކް ޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލްއެވެ.

މި ސްޓޭޝަން ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ކާގޯ ޚިދުމަތް ދޭ ފަރާތްތަކުންވެސް ޕޯސްޓްގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ޒަމާނަށް އައި ބަދަލުތަކާއެކު ޕޯސްޓްގެ ހިދުމަތް ރާއްޖޭގައި ނެތިދާނެކަމަށް ބެލެވިފައި ވަނިކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން، ޒަމާނާ އެއްގޮތަށް އީ-ޓުކުރި އަދި ޕިކް ޕޯސްޓް ތައާރަފްކޮށް ޕޯސްޓްގެ ހިދުމަތް މުޅިން ބަދަލުކޮށްލާފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕިކް ޕޯސްޓް ހިދުމަތަކީ ސެލްފް ސަރވިސް ޑެލިވަރީ ސްޓޭޝަންތަކެއްގެ ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޑެލިވަރީގެ ހިދުމަތްދޭ ކުންފުނިތަކުން ދެމުންގެންދާ ފަދަ ލުއިފަސޭހަ ޒަމާނީ ހިދުމަތެކެވެ. ބަސް ޓާމިނަލުގައި މި ހުޅުވި ސްޓޭޝަނާއެކު މިހާރު މޯލްޑިވްސް ޕޯސްޓް ލިމިޓެޑުންދޭ ޕިކް ޕޯސްޓް ހިދުމަތް 4 ސްޓޭޝަނަކުން ލިބޭނެއެވެ. އެއީ ވެލާނާގެއާއި ޕޯސްޓް ބިލްޑިންގާއި ހުޅުމާލޭ ޕިކް ޕޯސްޓްގެ އިތުރުން ގްރޭޓަރ މާލެ ބަސް ޓާމިނަލެވެ.

ޕިކް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ޝަފީގު މުޙައްމަދު ވިދާޅުވީ މި ހިދުމަތް އިތުރަށް ފުޅާކުރުމަށް މިހާރުވެސް ޕިކް ޕޯސްޓްގެ 2 ސްޓޭޝަނެއްގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޕޯސްޓުގެ ހިދުމަތް ރާއްޖޭގައި މިވަގުތު ދެމުންގެންދަނީ ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް އެ ހިދުމަތް ފޯރުކޮށްދޭ އުސޫލުތަކާ އެއްގޮތަށް ކަމަށް ޝަފީގު ވިދާޅުވިއެވެ. އަދި މިސްރާބު ހުރީ މިހާރަށްވުރެ ވެސް ހިދުމަތް ފުޅާކުރުމަށް ޝަފީގު ވިދާޅުވިއެވެ.

ޕޯސްޓްގެ ހިދުމަތް ރާއްޖޭގައި ފޯރުކޮށްދެމުންދާތާ 114 އަހަރު ވަނީ ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.