އިންޑިއާގެ ސިކުންގެ ލީޑަރަކު ކެނެޑާގައި މަރާލިކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ދައުވާކޮށްފި

އިންޑިއާގެ ސިކުންގެ ލީޑަރަކު ކެނެޑާގައި މަރާލިކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް ދައުވާކޮށްފި

Author
ހުސެއިން
04 މެއި 2024 10:41
0

2023 ވަނަ އަހަރުގެ ޖޫން މަހު ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ޕްރޮވިންސްގައި މަރާލާފައިވާ ސިކް ވަކިވެގަތުމުގެ ލީޑަރު ހަރްދީޕް ސިންގް ނިއްޖާރު މަރާލި މައްސަލާގައި ކެނެޑާގެ ފުލުހުން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ކެނެޑާގެ ނޫސްތަކުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި މީހުންގެ ޚަބަރު ސީޓީވީ އާއި ގްލޯބަލް ނިއުސް އިން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވާއިރު، ސީޓީވީން ބުނީ އެ ތިން މީހުންނަކީ ވެސް އިންޑިއާ މީހުން ކަމަށެވެ.

އުމުރުން 45 އަހަރުގެ ނިއްޖާރު މަރާލާފައިވަނީ ސިކް އާބާދީ ބޮޑު ވެންކޫވާ އަވަށެއް ކަމަށްވާ ސަރީގެ ސިކް ޓެމްޕަލެއްގެ ބޭރުގަ އެވެ. ކެނެޑާ އާއި އެމެރިކާގައި އަވަހާރަކޮށްލަން ރޭވި ރޭވުންތަކުގައި އިންޑިއާގެ އިންޓެލިޖެންސް ސާވިސްގެ ދައުރެއް އޮތް ކަމަށް ބުނެ ވައިޓް ހައުސްއިންވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ކެނެޑާގައި އިންޑިއާގެ ސިކް ވަކިވެގަތް ޖަމާއަތްތައް ނިސްބަތްވާ މީހުން ތިބުމަމީ ނިއު ދިއްލީއިން މާޔޫސްވާ ކަމެއްކަމުގައި އެގައުމުން ވަނީ ނުބެފައެވެ.

އިންޑިއާއިން ނިއްޖާރަކީ ޓެރަރިސްޓެއްގެ ގޮތުގައި ލޭބަލް ކުރި މީހެކެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މިދިޔަ ސެޕްޓެމްބަރު މަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެނެޑާގެ ރައްޔިތެއް ކަމަށްވާ ނިއްޖާރު މަރާލުމާ އިންޑިއާ ސަރުކާރުގެ އެޖެންޓުންނާ ގުޅުން ހުރި ކަމުގެ ތުހުމަތުތައް ކެނެޑާގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ. ނިއު ދިއްލީއިން ވަނީ ޓްރޫޑޯގެ މި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެ ދޮގުކޮށްފަ އެވެ.

ފާއިތުވެދިޔަ ތަނުގައި ކެނެޑާއިން ވަނީ މި މަރުގައި ޝައްކުކުރެވޭ މީހުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މިކަމާ ގުޅިގެން އާރްސީއެމްޕީ އާއި އޮޓާވާގައި ހުންނަ އިންޑިއާގެ މިޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ކެނެޑާއިން އަންނަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް އިންޑިއާއަށް ބާރުއަޅަމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެމެރިކާ އާއި ކެނެޑާގެ ސިކް ވަކިވެގަތުމަށް މަސައްކަތް ކުރާ ގުރްޕަތުވަންތު ސިންގް ޕަންނޫން މަރާލަން އުޅުމުގެ ރޭވުމުގައި އިންޑިއާ ސަރުކާރުގެ އޮފިޝަލަކު އެކަން ރާވާފައިވާ ކަމަށެވެ.

ކެނެޑާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ހަވާލުވެ ހުންނެވި ކެނެޑާގެ ޕަބްލިކް ސޭފްޓީ މިނިސްޓަރު ޑޮމިނިކް ލެބްލާންކް ސީދާ އެ މީހުން ހައްޔަރުކުރިކަން ކަށަވަރު ކޮށްނުދިން ނަމަވެސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ނިއްޖާރުގެ މަރުގެ ތަހުގީގަކީ އަދިވެސް ފުލުހުންގެ ކުރިޔަށް ގެންދަމުންދާ އޮޕަރޭޝަނެއް ކަމަށެވެ. ކެނެޑިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (ސީބީސީ) އިން މީގެ މަހެއްހާ ދުވަސް ކުރިން ކެނެޑާގައި ތިބި މީހުން ދެނެގަނެ، އެ މީހުން މޮނިޓަރިންގެ ހާލަތުގައި ބަލަހައްޓަމުން އަންނަ ކަމަށް ބައެއް ފަރާތްތަކާ ހަވާލާދީ މީގެ ކުރިން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.